ބ. އޭދަފުށްޓާއި ލ. ފޮނަދޫގައި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް އަޅާނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ސަރުކާރުގެ ގެޒެޓުގައި މިއަދު ޖެހި އިއުލާނުގައި ބުނީ ފެންފުޅި ބަންދުކުރާ ޕްލާންޓް (ޓާންކީ ބޮޓްލިން ޕްލާންޓް) އަޅަން ޝައުގުވެރިވާ ފަރާތްތަކުން މާޗް މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން އެކުންފުންޏަށް އަންގަން އެދޭ ކަމަށެވެ.
ބ. އޭދަފުށީގައި ފެން ބަންދުކުރާ ކާރުހާނާ ގާއިމުކުރުމަށް އޭދަފުށީ ކައުންސިލުން މިދިޔަ އަހަރު ފެނަކަ ކޯޕަރޭޝަނަށް 3000 އަކަފޫޓުގެ ބިމެއް ވަނީ ދޫކޮށްފައެވެ.
އޭދަފުށި ކައުންސިލުން ބުނީ ކާރުހާނާ ގާއިމު ކުރުމަކީ މިރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. މިކަމުގެ ފައިދާ އޭދަފުށީގެ އިތުރުން މުޅި އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.