ނަޒީރު ހަދައިދޭ ޓާފު ދަނޑު އަޅާ ބައެއް ސާމާނު ގެނެސްފި

ބ. އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެން އޭދަފުށީގައި އެޅުމަށް ނިންމާފައިވާ ޓާފު ދަނޑު އަޅަން ބޭނުންވާ ބައެއް ސާމާނު މިރަށަށް ގެނެސްފި އެވެ.

ރޭ ދަންވަރު މިރަށް ގެނައި ތަކެތީގެ ތެރޭގައި ހިމެނީ މަސައްކަތް ފަށައިގަތުމަށް ބޭނުންކުރާ މެޝިނަރީޒް އާއި މަސައްކަތް ފަށައިގަންނަން ބޭނުންވާ ބައެއް ސާމާނެ އެވެ.

ރަށު ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ޓާފް ދަނޑުގެ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު ރޭ މިރަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު ދަނޑު ސަރަހައްދަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓާފު ދަނޑު އަޅަން ހަމަޖައްސާފައި ވަނީ އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގަ އެވެ.

މި ޕްރޮޖެކްޓަކީ މިދިޔަ މަޖްލިސް އިންތިހާބުގެ ކެމްޕޭނުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ނަޒީރު ވެ ވަޑައިގެންނެވި ވައުދެކެވެ.

ސަލީމް ކެމްޕޭނުގައި އިސްކޮށް އުޅުނު ފަރާތެއް ބުނި ގޮތުގައި ވަރަށް އަވަހަށް އެ ދަނޑުގެ އަމަލީ މަސައްކަތް ފަށާނެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ދަނޑުގައި ޓާފް އެޅުމުގެ އިތުރުން ލައިޓް ސިސްޓަމުތައް ވެސް ހަރުކުރާނެ އޭނަ ބުންޏެވެ.

ފުޓްބޯޅައަށް މަރުދޭ ޒުވާނުންތަކެއް ދިރިއުޅޭ އޭދަފުށިން ރާއްޖޭގެ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފެދިފައިވާއިރު މިރަށުގައި އެކަށީގެންވާ ދަނޑެއް ނެތުމުގެ ޝަކުވާ މި ދާއިރާގެ ގިނަބަޔަކު އަބަދުވެސް ކުރެއެވެ. މި ޕްރޮޖެކްޓް ކާމިޔާބުވެއްޖެނަމަ މިއީ އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ވާސިލްވުމަށް ހުޅުވޭނެ ވަރަށް މުހިއްމު ދޮރަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.