ފެހެންދޫ އަތުން ބަލިވެ، އޭދަފުއްޓަށް ފުރުސަތު ހަނިވެއްޖެ

އޭދަފުއްޓާ ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އަތޮޅު ބުރުގައި މިއަދު ހަވީރު އޭދަފުއްޓާ ފެހެންދޫ ބައްދަލުކުރި މެޗް 3-1 އޭދަފުށީ ބަލިވެ، ޒޯން މުބާރާތަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

މިއަދު ހަވީރު އޭދަފުށީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ އޭދަފުށީ ޓީމުންނެވެ. މެޗު ފެށިތަނާ ދެވަނަ މިނިޓްގައި އޭދަފުއްޓަށް މި ލަނޑު ޖަހައިދިނީ އަހްމަދު ހަނީފު އެވެ.

އޭދަފުށީ ޓީމުން ލީޑު ނެގިތާ ފަސް މިނިޓް ފަހުން ފެހެންދޫ އަށް އެއްވަރުކޮށްދިނީ މުހައްމަދު ރީހާން އެވެ. މި ހާފްގައި ލަނޑު ޖަހަން މި ދެ ޓީމަށް ވެސް އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.


ދެވަނަ ހާފު ފެށިގެން އޭދަފުށިން ލަނޑެއްޖެހުމަށް ވަރަށް ބޮޑަށް ކުރިއަށްޖެހިގެން ކުޅުނު ނަމަވެސް ބޯޅަ ގޯލަށް ވައްދާލެވޭ ގޮތެއްނުވިއެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ ފަހު ވަގުތުގައި ފެހެންދޫ ޓީމަށް ލިބުނު ކޯނަރަކުން އެޓީމުގެ ކެޕްޓަން އާދަމް ނަސީމް ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ފެހެންދޫއަށް ތިން ވަނަ ލަނޑު ކާމިޔާބުކުރީ އޭދަފުށީ ޓީމަށް މިދިޔައަހަރު ކުޅުނު ގޮއިދޫގެ ތަޖުރިބާކާރު ފޯވާޑް އިބްރާހީމް މާޖިދު (މާޖީ) އެވެ.

މިނަތީޖާއާއެކު އޭދަފުށީ ޓީމުން ޒޯން ބުރަށް ދިއުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ. އޭދަފުށި ޒޯން ބުރަށް ދިއުމަށް ދެވަނަ ލެގްގައި ތިންލަނޑުގެ ތަފާތަކުން ފެހެންދޫ ބަލިކުރަންޖެހެއެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ބ. އަތޮޅު މުބާރާތުގެ ދެވަނަ ލެގްގައި އޭދަފުއްޓާ ފެހެންދޫ ބައްދަލުކުރާ މެޗް އޮންނާނީ އަންނަ ހޯމަދުވަހު އޭދަފުށީ ފުޓްބޯޅަ ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.