އޭއީސީ ޕްރޮޖެކްޓުން ގޮއިދޫގެ ދަނޑުވެރިކަމާއި ތުޅާދޫގެ އިތާމުތް ޕްރޮޖެކްޓަށް މާކެޓް ހޯދުމަށް ރިސޯޓްތަކާ މަޝްވަރާ ކުރަނީ

އޭއީސީ ޕްރޮޖެކްޓް އެޓޯލް ކޯޑިނޭޓަރ ޝާފީ އަލީ: ރިސޯޓްތަކުން އެއްބާރުލުން ލިބޭ ކަމަށް ވިދާޅުވި.–ފޮޓޯ / މުހައްމަދު ރާމިޒް

ބ. އަތޮޅުގެ ރަށްރަށަށް އަމާޒު ކޮށްގެން ހިންގާ އެޓޯލް އީކޯސިސްޓަމް ކޮންޒަވޭޝަން “އޭއީސީ” ޕްރޮޖެކްޓްގެ ދަށުން މި އަތޮޅު ގޮއިދޫގެ ދަނޑުވެރިކަމާއި ތުޅާދޫ އިތާމުތް އާލާކުރުމުގެ ޕްރޮޖެކްޓަށް މާކެޓް ހޯދުމުގެ ގޮތުން ރިސޯޓްތަކާ މަޝްވަރާ ކުރަން ފަށައިފި އެވެ.

2005 ގައި ފެށި މި ޕްރޮޖެކްޓްގެ ދަށުން ގޮއިދޫގެ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީ ދިނުމުގެ ގޮތުންނާއި ތުޅާދޫގައި ހިންގާ އިތާމުތް އާލާކުރުމުގެ ޕްރޮޖެކްޓް ފުޅާ ކުރުމާމެދު މި ހަފްތާ ތެރޭގައި އެ ރަށްރަށުގެ އާންމުންނާއި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ބ. އަތޮޅު ތަރައްޤީގެ އޮފީހުން ބުންޏެވެ.

އޭއީސީ ޕްރޮޖެކްޓްގެ ބ. އަތޮޅު ކޯޑިނޭޓަރ ޝާފީ އަލީ ވިދާޅުވީ މި ޕްރޮޖެކްޓްތަކަށް މާކެޓް ހޯދުމުގެ ގޮތުން މި އަތޮޅު ރިސޯޓްތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި އެ ކަމަށް އެއްބާރުލުން ލިބޭނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

“އަޅުގަނޑުމެންގެ އެއް އަމާޒަކީ ގޮއިދޫގެ ދަނޑުވެރިކަން ތަރައްޤީ ކުރުން އަދި އިތާމުތް އާލާކުރުމުގެ ޕްރޮޖެކްޓް ވެސް ވީހާ ފުޅާކޮށް ކުރިޔަށް ގެންދިއުން. އެ ކަން ވާން އޮތީ މި 2 ކަންތަކަށް ވެސް މާކެޓެއް ލިބިގެން. އަދި މިހާތަނަށް ރިސޯޓްތަކުގެ ޝައުގުވެރިކަން ފާޅު ކުރޭ އެބަ،” ކުރިން ބ. އަތޮޅު އޮފީހުގެ އިންވެސްޓިގޭޓަރުކަން ކުރެއްވި ޝާފީ އީޓީ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްވަރާތަކުގެ ތެރޭގައި ބ. އަތޮޅުގައި ހިމާޔަތް ކުރެވިފައިވާ “ހޯރަ” އަށް ހާއްސަ ރަށެއް ކަމަށްވާ އޮޅުގިރި ފަތުރުވެރިންނަށް ޝައުގުވެރި ރަށަކަށް ހެދޭތޯ ވެސް ބަލަމުންދާ ކަމަށާއި އެ ކަމާމެދު ތުޅާދޫ އާއި ހިތާދޫގެ ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށަށް މާކެޓް ލިބިއްޖެ ނަމަ އެ ކަމުން ލިބޭ ފައިދާ އާންމުންނަށް ލިބޭ ގޮތަށް ހަމަޖެހޭ ތޯ ވެސް ބައްލަވާނެ ކަމަށެވެ.

“އޮޅުގިރި އަކީ ވަރަށް ޝައުގުވެރި ވާނެ ތަނެއް ކަމަށް ބެލެވޭ. ރިސޯޓްތަކުން ވެސް އެ ކަން ފާހަގަ ކުރޭ. ހިތާދޫ އަދި ތުޅާދޫން ވެސް އެ ކަމަށް ތަރުހީބު ދެއްވި. އެހެން ވީމާ އޭގެ ފައިދާ ލިބޭ ގޮތަކަށް ދާ ނަމަ އެ ލިބޭ އެއްޗެއް އަތޮޅުގެ އާންމުންނަށް ސީދާ ލިބޭ ގޮތެއް ހަމަޖެހޭ ތޯ ބަލާނީ،” އޭނާ ވިދާޅުވި އެވެ.

ޝާފީ އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓްތަކަށް ރިސޯޓްތަކުން ލިބޭ އެއްބާރުލުން އިތުރު ވަމުން އަންނަ ނަމަ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް އިތުރު މަޝްރޫއުތަކެއް ފައްޓަވަން ގަސްދު ކުރައްވާ ކަމަށެވެ.

އޭއީސީ ޕްރޮޖެކްޓަކީ ޔޫއެންޑީޕީ އާއި ގްލޯބަލް އެންވަޔަރަންމެންޓަލް ފެސިލިޓީ ފަންޑު ކޮށްގެން ދިވެހި ސަރުކާރާ ގުޅިގެން ބ. އަތޮޅަކީ ތިމާވެށީގެ ނަމޫނާ އަތޮޅަކަށް ހެދުމުގެ ގޮތުން 2005 ގައި ފަށައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގެ ރަށްރަށުގައި ތަރައްޤީ އަށް ކުރާ އެކިއެކި މަސައްކަތްތަކަށް ވެސް މިހާތަނަށް ބޮޑެތި ފައިސާގެ އެހީތަކެއް ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.