ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް ދަ ބިގިނާސްގެ ބ. އެޓޯލް ޔުނިޓީ ފުޓްސަލް މުބާރާތް މިއަދު ހަވީރު އޭދަފުށީގައި ފަށާނެ އެވެ.
މި އަހަރުގެ މުބާރާތުގައި ވެސް 12 ޓީމު ވާދަކުރެ އެވެ.
މުބާރާތް ހުޅުވައިދޭ ގްރޫޕް އޭގެ މެޗުތަކުންނެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޑުސިޓް ތާނީ މޯލްޑިވްސް އާއި އެކްވެރި ގައީސް އެވެ. ދެވަނަ މެޗުގައި ޔުނައިޓެޑް ވީ އާ ދެކޮޅަށް ނުކުންނާނީ އަމިއްލަފުށީ ރިސޯޓެވެ.
ގްރޫޕް ބީ ގައި ހިމެނެނީ މިލައިދޫ އައިލެންޑް ރިސޯޓާއި، ފިނޮޅު ރިސޯޓްގެ އިތުރުން އިރުމަތީ ލަވާސް އަދި ވެލާ ސިޓީ އެވެ. ގްރޫޕް ސީ ގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ޓީމް ސޮނެވާ އާއި ކޮކޯޕާމް އަދި ކިންގްސް ޔުނައިޓެޑް އެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިރުމަތި ލަވާސް އާ ވާދަކޮށް ފެއިމްސް ޔުނައިޓެޑް އެވެ.