ބ. އޮޅުގިރި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޕްލޭން އެކުލަވާލައިފި

ބ. އޮޅުގިރި

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ އޮޅުގިރި އާއި އެރަށުގެ ވަށައިގެންވާ ފަޅުގެ ސަރަހައްދުތަކުގެ ދިރުންތަކާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޕްލޭން ތިމާވެއްޓާބެހޭ މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.

ބ. އަތޮޅުގެ ދެކުނުގައި އޮންނަ އޮޅުގިރި ހިމާޔަތް ކުރީ ކާށިދޫ ކަނޑުގެ ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށަކަށްވުމުގެ އިތުރުން ގިނަ އަދަދަކަށް ވެލާ ވެސް އަރާތީ އާއި އަދި ޒަމާންވީ ގަސްތަކެއް ހުރެފައި އެ ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮތުމުގެ އިތުރުން ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ރަށަކަށްވާތީ އެވެ.

ބ. އޮޅުގިރި

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އެ ޕްލޭނުގައި އެރަށުގެ ވެއްޓާއި އެ މާހައުލުގައި ވަޒަންވެރިވެގެން ދިރިއުޅޭ ދިރުންތަކާއި، ހާއްސަކޮށް ހޯރައާއި އެސޮރުމެން ދިރިއުޅޭ ގަސްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން އެރަށުގެ ފަރުތައް ރައްކާތެރިކޮށް ދިރުން ދަމަހައްޓައި އެ ރަށުން އިގްތިސާދީގޮތުން ފައިދާ ހޯދޭނެ ގޮތްތައްވެސް ޕްލޭންގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން އެރަށް ރައްކާތެރިކުރުމަށް ބ. އަތޮޅު ކައުންސިލާއި ބ. ތުޅާދޫ އަދި ހިތާދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއް ހެދިގެން ދާނެ އެވެ. އަދި އޮޅުގިރި ސަރަހައްދު ބެލެހެއްޓިގެން ދާނީ އެ ކައުންސިލްތަކާއި އަދި ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވް އޮފީހުގެ އެހީތެރިކަމާއެކީ ކަމަށްވެސް އެ ޕްލޭނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ކައުންސިލްތަކާއި އެންވަޔަރަމަންޓު ޕްރެޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ދެމެދު އެއްބަސްވުމެއް ހެދިގެން ދާނެ ކަމަށްވެސް ޕްލޭންގައި ބުނެފައެވެ.

ފަތުރުވެރިން ސްނޯކްލިންގްއަށާއި ޑައިވިންގްއަށް ގެންދިޔުމުގެ ހުއްދަ ވަކި އުސޫލުތަކެއްގެ މަތިން ސަފާރީ އުޅަނދުތަކަށާއި ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް ދެވިގެންދާނެ ކަމަށްވެސް އެ ޕްލޭންގައި ވެއެވެ. އަދި އެ ފަރާތްތަކުން އޮޅުގިރިއަށް އަރާ ކޮންމެ ފަހަރަކު “ބ. އޮޅުގިރި އެކްސެސް ޕާމިޓް” ބައްލަވައި ގަންނަން ޖެހޭނެ ކަމަށް އެ ޕްލޭންގައި ބުނެފައިވެ އެވެ.

އޮޅުގިރި ޕްލޭންގައި ވަނީ ވިޔާފާރިގެ އުސޫލުން ޓީވީ ޗެނަލްތަކުން ވީޑިއޯ އަދި ފޮޓޯނެގުން ފަދަ ކަންތައްތަކުގައި އަގު ނަގާނެ އުސޫލުވެސް ބަޔާންކޮށްފައެވެ. އެގޮތުން ވިޔަފާރީގެ ކަންކަމުގައި އޮޅުގިރިއަށް ވަންނަ ކޮންމެ ދުވަހަކަށް 3،885 ރުފިޔާ ވަނީ ނެގުމަށް ހަމަޖެހިފައެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގައި މިހާރުވެސް 10 ސަރަހައްދެއް ކޯ އޭރިޔާގެގޮތުގައި ކަނޑައަޅާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ އޮޅުގިރި، ދިލަލިހާ، މެންދޫ، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ، އަދި ގޮއިދޫ ކޯރު ސަރަހައްދު ހިމެނެ އެވެ. ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އަދި އަގުބޮޑު ވަސީލަތްތައް ހިމެނޭ ތަންތަނެވެ.

އެހެން ނަމަވެސް ކޯ އޭރިއާތަކުގެ ތެރެއިން ރަނގަޅަށް މެނޭޖްމެންޓް ޕްލޭނެއް ހެދިގެން ބެލެހެއްޓެމުން އަދި އަންނަނީ ހަނިފަރު ސަރަހައްދު އެކަންޏެވެ. ނަމަވެސް މިއަދު ގެޒެޓްކުރި ޕްލޭނާ އެއްގޮތަށް އަމަލުކުރަން ފެށުމުން އޮޅުގިރިވެސް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.