ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ދޭ “ނިއު ކަމަރ އޮފް ދަ އިޔަރ” ގެ ބ. އަތޮޅުގައި އެންމެފަހުން ހުޅުވި ލަގްޒަރީ ރިސޯޓް، ވައްކަރު މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
މި އެވޯޑް އެ ރިސޯޓަށް ދީފައިވަނީ ހައިޑްވޭސް މެގަޒިންގެ އަހަރީ އެވޯޑް ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ އައިޓީބީ ފެއަރގެ ތެރެއިންނެވެ.
އައިޓީބީ ފެއަރ ބޭއްވީ މިމަހު ކުރީކޮޅު ޖަރުމަނުވިލާތުގެ ބަރލިންގައެވެ.
ވައްކަރު މޯލްޑިވްސް ރިސޯޓަށް “ނިއު ކަމަރ އޮފް ދަ އިޔަރ” ގެ އެވޯޑް ލިބުނީ އެ ރިސޯޓް ހުޅުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. އެ ރިސޯޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ގުރޫޕަށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައެވެ.
ރާއްޖޭގެ ސަގާފަތާ ގުޅޭގޮތަށް ގުދުރަތީ ތަކެތިން ފަރުމާކޮށްފައިވާ އެ ރިސޯޓްގައި ބީޗް، ވޯޓާ ވިލާސް އަދި ސޫޓްސް އާއެކު ޖުމްލަ 125 ކޮޓަރި ހިމެނެ އެވެ.