މިސްރުގެ ގުރުއާން މުބާރާތަށް މުސްތަފާ

އަލްހާފިޒު މުސްތަފާ

މި އަހަރު މިސްރުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ދަރިވަރު، ބ. އޭދަފުށީ އަލްހާފިޒު މުހައްމަދު މުސްތަފާއާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް މުސްޠަފާ ހޮވާފައިވަނީ ކީރިތި ގުރުއާނާބެހޭ މަރުކަޒުން އެ މުބާރާތުގައި ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ކުދިންގެ ތެރެއިން އިމްތިހާނު ކުރެވިގެންނެވެ.

މުސްޠަފާ އާއި ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓަރު ވަނީ އޭނާއަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ކަމުން އުފާކޮށް އޭނާއަށް ހިތްވަރު ދެއްވާފަ އެވެ. އަދި މުބާރާތުގައި ރާއްޖެ ފަހުރުވެރިވާ ފަދަ ވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި މުސްޠަފާގެ އާއިލާގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

ކީރިތި ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގަ އިންޑިޔާގައި ކިޔަވަމުން އަންނަ މުސްތަފާ ވަނީ މިދިޔަ އަހަރު ކީރިތި ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކޮށްފަ އެވެ.

އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރި މުސްތަފާ، ކީރިތި ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އުފެދުނީ ކީރިތި ގުރުއާނަކީ މާތްﷲ ގެ ކަލާންފުޅުކަމާއި ގުރްއާން ކިޔެވުމުން ލިބޭ ސަވާބާއި މާތްކަން ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން އެނގޭތީ އެވެ. އަދި މައިންބަފައިގެ ނަސޭހަތްތަކުންނާއި ގުރުއާން ކިޔަވައިދެއްވި އެދުރުބެއިންނާއި އެނދުރު ދައިތަ އާއި މުދައްރިސުން ދެއްވި ނަސޭހަތާއި ދެއްވި މައުލުމާތުންވެސް މިކަމުގެ މުހިއްމުކަން ތަސައްވަރު ކުރެއްވިގެންނެވެ.

މުސްތަފާ ވަނީ މިދިޔަ ރޯދަމަހު އޭދަފުށީގައި އިމާމުވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. އޭނާ ތަރާވީހް ނަމާދު އިމާމްވެކުރި މަންޒަރު ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަގުތުން ގެނެސް ވެސް ދިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.