ބ. އަތޮޅު ތަޢުލީމީ މަރުކަޒުން ނިންމާ މުހިންމު އަދި ބޮޑެތި ނިންމުންތަކަކީ ހަމައެކަނި ސްކޫލްގެ އެންމެ އިސްފަރާތުން ނިންމާ ނިންމުންތަކެއް ނޫންކަމަށާއި، އެ ނިންމުންތަކަކީ އެކަމަކާ ނުވަތަ އެ މައްސަލައަކާ ގުޅޭ ވަކި ކޮމިޓީތަކަކާ މަޝްވަރާ ކުރެވި އެފަރާތްތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ނިންމޭ ނިންމުންތަކެއް ކަމަށް އެ ސްކޫލުން ބުނެފި އެވެ.
މިއަދު އެ ސްކޫލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރަކު ސްކޫލުން ވަކިކުރުން ނުވަތަ އަޚްލާގީ ބޮޑެތި މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކަކީ ސްކޫލްގެ ސީނިއާ މެނޭޖްމަންޓް މީޓިންއާއި ޑިސިޕްލިނަރީ ކޮމިޓީ އަދި ސްކޫލްގެ ބޯޑުގައި މަޝްވަރާ ކޮށް އެފަރާތުގެ ލަފަޔާއެކު ތަންފީޒުކުރާ ކަންތައްތައް ކަމަށެވެ.
“މިފަދަ މައްސަލައެއް މި ކޮމިޓީތަކާއި ބޯޑަށް ހުށަހަޅާނީ އެކަމަކާ ގުޅޭގޮތުން ކުއްޖާއަށް ތަކުރާރުކޮށް ނަސޭހަތް ދެވި، ކުއްޖާގެ ބެލެނިވެރިޔާއާއި އެ މައްސަލައަކާމެދު ވާހަކަ ދައްކާ ދަރިވަރުގެ ފަރާތުން އިތުރު ކުރިއެރުމެއް ނުފެނުމުންނެވެ. އަދި ދަރިވަރަކު ސީދާ ސްކޫލުން ކަނޑާލުމުގެ ބަދަލުގައި ބެލެނިވެރިޔާ ކުއްޖާ ވަކިކުރަން ސްކޫލްގެ ފަރާތުން އެދެނީ ކުއްޖަކު ސްކޫލުން ވަކިކޮށްފިނަމަ އެކުއްޖަކުގެ ނަމަށާއި މުސްތަގްބަލަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ބަލާފައެވެ،” ސްކޫލުން ނެރެފައިވާ އެއް ސޮފްހާގެ ބަޔާނުގައި ވެ އެވެ.
ތައުލީމީ މަރުކަޒުން ނެރުނު ނޫސް ބަޔާނުގައި ވަނީ މި ދުވަސްކޮޅު ފޭސްބުކް އާއި ޓްވިޓާ ފަދަ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކަމުގެ ހަގީގަތް އޮޅޭގޮތަށް އަދި ސްކޫލް ބަދުނާމުވާގޮތަށް މައުލޫމާތު ފަތުރާ އަދި ސްކޫލްގެ ވަށާފާރުގައި އެކަށީގެންނުވާފަދަ ލިޔުންތައްލިޔެ، ސްކޫލްގެ މުދަލަށް ގެއްލުންދީ ސްކޫލްގެ ވެބްސައިޓް ހެކް ކުރުންފަދަ ވަރަށް ނޭދެވޭ އަމަލުތައް ތަކުރާރުވަމުންދާކަން ސްކޫލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
“އަދި މިފަދަ ގޮތްގޮތަށް ސްކޫލާމެދު ދަރިވަރުން، ބެލެނިވެރިން އަދި އާންމު ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާތީ، މިކަން ސާފުކޮށްދިނުމަށް މިބަޔާން ނެރުނީމެވެ،”
ތައުލީމީ މަރުކަޒުން މި ނޫސް ބަޔާން ނެރެފައި މިވަނީ އެ ސްކޫލުގެ އޭލެވެލްގައި ކިޔަވަމުންދިޔަ ދަރިވަރަކު ދާދިފަހުން ސްކޫލުން ވަކިކުރުމުން ވަށާފާރުގައި ތަފާތު ލިޔުންތައްލިޔެ، އެ ސްކޫލުގެ ވެބްސައިޓްވެސް އިއްޔެ ހެކް ކޮށްފައި ވަނިކޮށެވެ.