ބ. ދަރަވަންދޫ ހިޔުމެނިޓީ އެސޯސީއޭޝަން (ބަދަ) ޖަމިއްޔާއިން އިސްނަގައިގެން އަންނަ ހުކުރު ދުވަހުގެ ރެ އެރަށުގައި ޑިނާ ނައިޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ބަދަ ޖަމިއްޔާއިން ބުނި ގޮތުގައި އަންނަ ހުކުރު ދުވަހުގެ ރޭ 8:30 އިން 11:30 އެރަށު ބީޗު ސަރަހައްދުގައި ބާބަކިޔު އާއެކު ބާއްވާ ޑިނާ ނައިޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދިވެހި ކެއުމުގެ ރަހަތަކެވެ.
ބަދަ ޖަމިއްޔާއިން ބުނިގޮތުގައި މި ޑިނާ ނައިޓަކީ ދަރަވަންދޫ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަސްރަތު ކުރާނެ އައުޑް ޑޯ ޖިމެއް ހެދުމުގެ މަސައްކަތަށް ފައިސާ ހޯދުމަށް ބާއްވާ ޑިނާ ނައިޓެކެވެ.
މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކު ބާއްވާ ޑިނާ ނައިޓުގެ ޓިކެޓެއް ވިއްކަނީ 150ރ. އަށެވެ. ނަމަވެސް ހާއްސަ ޓިކެޓެއްގެ އަގު އުޅެނީ 500ރ. އަށެވެ.
ދަރަވަންދޫގައި އިސްލާމުދީނަށާއި ގައުމިއްޔަތާއި ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން ތާރީޚާއި ސަގާފަތް އަދި ތިމާވެއްޓާއި ކުޅިވަރު ރޫހު އާލާކުރުމަށް މިދިޔަ އަހަރު އުފެއްދި އެ ޖަމިއްޔާއިން ވަނީ މިމަހު އެރަށު ސްކޫލުގައި ޓާފު ދަނޑެއް ވެސް އަޅައިދީފަ އެވެ.