ދެ އަހަރުދުވަހަށް ލަރޭ ސަސްޕެންޑް ކޮށްފި

އޭދަފުށީގައި މިހާރު ކުރިއަށް ފުޓްބޯލް ޗެލެންޖުގައި ކަމަދޫ އާއި ގޮއިދޫ ބައްދަލުކުރި މެޗުގައި ކަމަދޫ ޓީމުގެ ކޯޗު ލިރުގާމް ސައީދު (ލަރޭ) ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައިވާތީ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކުރިއަށްއޮތް ދެ އަހަރު ދުވަހުގެތެރޭގައި ބާއްވާ އެއްވެސް ކުޅިވަރު މުބާރާތެއްގައި އޭނާ އަށް ބައިވެރިނުވެވޭގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ އަދި މިހާރު ކުނަހަންދޫގެ ކައުންސިލް މެމްބަރު ލިރުގާމް ސައީދު (ލަރޭ) އަށް ބ އެޓޯލް ފުޓްބޯލް ޗެލެންޖްގެ ޑިސިޕްލިނަރީ ކޮމެޓީން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، މި މުބާރާތުގެ ތިންވަނަ މެޗުގައި ކަމަދޫ އާއި ގޮއިދޫ ބައްދަލުކޮށް ކުޅުނު މެޗު ނިމުމުން ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމުކުރެއްވުމަށް މެޗު އޮފިޝަލުން އެތުރު ވަގުތު ފުރުސަތުނުދީ، ދަނޑުމަތީގައި ހަމަނުޖެހުން އުފެއްދުމަށް ލިރުގާމު ސައީދު މަސައްކަތް ކޮށްފައިވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

“… މި ހަމަނުޖެހުމާ ގުޅިގެން ކަމަދޫ ޓީމުގެ ސަޕޯޓަރުންނާއި ބައެއް އާއްމުން ދަނޑުމައްޗަށް އަރައި މެޗު އޮފިޝަލުންނާއި އަދި އިންތިޒާމު ކޮމެޓިގެ މެންބަރުންނާއި ކުރިމަތިލާން މަސައްކަތް ކުރުމުގެ ސަބަބުން ބައެއް މީހުންނަށް އެކިކަހަލަ ގެއްލުންތައް ލިބިފައިވާކަމީ މި ކޮމެޓީން ނިހާޔަތަށް ހިތާމަކުރާ އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަކެވެ.” މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ލަރޭ އަށް ފޮނިވާފައިވާ ސިޓިގައި ބުނެފައިވެ އެވެ.

އަދި ލިރުގާމް ސައީދަކީ ކަމަދޫ ޓީމުގެ ކޯޗަކަށްވެފައި، އަދި ރާއްޖޭގެ ފުރަތަނަ ޑިވިޝަންގައާއި ގިނަ މުބާރާތްތަކުގައި ކުޅެ ކޯޗުކޮށްދެމުންދާ ފަރާތެއްކަމުން މިފަދަ ހަމަނުޖެހުންތައް އުފެއްދުމަށް ހިތްވަރުދިނުން ނުވަތަ މިފަދަ އަމަލެއް ހިންގުމަށް މަސައްކަތް ކުރުމަކީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއް އަދި ކޯޗެއްގެ ހައިސިއްޔަތުން ކޮށްގެންވާޏެ ކަމެއް ނޫންކަމަށްވެސް އެ ސިޓިގައިވެ އެވެ. އަދި މިއީ މި މުބާރާތުގެ 12 ވަނަ މާއްދާގެ (ޅ) އަދި (ކ) ގެ ދަށުން ޑިސިޕްލިނަރީ ކޮމެޓީއާއި ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ފިޔަވަޅި އަޅަންޖެހޭ ކަމެއްކަމަށް އެ ސިޓިގައި ބުނެފައިވެއެވެ.

“މި ދެންނެވި ސަބަބުތަކާހުރެ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކުރިއަށްއޮތް ދެ އަހަރު ދުވަހުގެތެރޭގައި ބާއްވާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ލިރުގާމް ސައީދަށް ބައިވެރިނުވެވޭގޮތަށް ހަމަޖައްސައިފީމެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.