ރަންނާ އެވޯޑަކީ ލިބުނު ޝަރަފެއް: ޝަނޫން

ޝަނޫނަށް ރަންނާ އެވޯޑު ދެއްވަނީ

ބ. އަތޮޅު ކައުންސިލުންދޭ “ރަންނާ އެވޯޑް” ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން މިއަހަރު އޭނާއަށް ލިބުމަކީ ލިބުނު ޝަރަފެއް ކަމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު ބ. ފެހެންދޫ ނައިޓްވިލާ މުޙައްމަދު ޝަނޫން ބުނެފި އެވެ.

ރޭ ބޭއްވި ރަންނާ އެވޯޑް ރަސްމިއްޔާތަށްފަހު “އީޓީ” އާ ވާހަކަ ދައްކަމުން ޝަނޫން ބުނީ ކުރާ މަސައްކަތް ބަލައިގަތުމަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ކެރިއާ ގައި ލިބޭނެ އުފަލެއް ކަމަށެވެ.

“ބ. އަތޮޅުގައި މިހާރު ވެސް މީޑިޔާ ދާއިރާގައި ވަރަށްގިނަ މީހުން ހަރަކާތްތެރިވޭ. މިކަމުގެ ސަބަބުން އިތުރު މީހުން މިދާއިރާއަށް ނުކުތުމަށް ވެސް ހިތްވަރަކަށްވާނެ ކަމަށްވެސް ގަބޫލުކުރަން،”

މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ގައި ކިޔަވަމުން ދިޔަ ދުވަސްވަރު ނޫސްވެރިކަމުގެ ތެރެއަށް ވަން ޝަނޫން އެންމެ ފުރަތަމަ ލިއުނީ ބާޒާރު މަޖައްލާ ގަ އެވެ. ވިޔަފާރި ހަބަރުތައް ގެނެސްދިން މި މަޖައްލާއަށްފަހު ދެން ޝަނޫން މަސައްކަތް ކުރެއްވީ މިއަދު ނޫހުގަ އެވެ. އޭގެ ފަހުން ޖަރީޒާ ނޫހުގައި ސްޕޯޓްސް އެޑިޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެ އެވެ.

އެކަމަކު އާއްމުންގެ ތެރެއަށް އޭނާ ފާހަގާވަން ފެށީ 2004 ވަނަ އަހަރު ޓީވީއެމްގެ ޕްރޮގްރާމުތައް ހުށަހަޅައިދޭން ފެށި ހިސާބުންނެވެ. އޭގެ ފަހުން މެދުކެނޑުމެއްނެތި 13 އަހަރު ޝަނޫން ޓީވީ ޕްރެސެންޓަރެއްގެ ގޮތުގައި މަސައްކަތްކޮށް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ.

ޝަނޫން އަކީ މަޝްހޫރު ގިނަ ޕްރޮގުރާމްތަކެއް ޕުރޮޑިއުސްކޮށް ޕްރެޒެންޓް ކޮށްފައިވާ މީހެކެވެ. އެގޮތުން ޓީވީއެމްގައި 5000 އަށްވުރެ ގިނަ ޕްރޮގްރާމު ޝަނޫން އުފައްދާފައިވެ އެޗެ. އޭގެ ތެރޭގައި ބޮޑުބެރު ޗެލެންޖާއި އުރީދޫ މަސް ރޭ، ހެނދުނު ގަޑި، މަގޭ ރާއްޖެ އަދި ތޯތޯ ފަދަ ޕްރޮގުރާމްތައް ހިމެނެ އެވެ.

އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިނގިރޭސިބަހުން އޮންލައިން ކޮށް ކުޅިވަރު ހަބަރުތަކާއި މައުލޫމާތުތައް ގެނެސްދޭން އުފެއްދި ވެބްސައިޓް މޯލްޑިވްސް ސޮކާ ޑޮޓްކޮމް ރަޖިސްޓްރީ ކޮށްފައިވަނީ ޝަނޫންގެ އެޑިޓަރު ކަމުގެ ދަށުގަ އެވެ. ހަބަރާ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށް ޓްރޭނަރެއްގެ ގޮތުގައި ވެސް ޝަނޫން ވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ބ. އަތޮޅުގެ ރައްވެއްސެއް

    ރަންނާ އެވޯޑަކީ ބ. އަތޮޅުގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކެއްގެ އަގު ވަޒަން ކުރުމު ގޮތުން ދެވޭ އެވޯޑެއް ކަމުގައި މީގެ ކުރިން އެނގިފައިއޮތީ. ޝަނޫނަކީ ބ. އަތޮޅުގެ ކުރިއެރުމަށް އެއްވެސް މަސައްކަތެއް ކޮށްދީފައިވާ ފަރާތެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެންކަމުން ތިއަށްވުރެން ތިޔަ އެވޯޑް ހައްގުވާ ފަރާތްތަކެއް ވާކަމުގައި އަޅުގަނޑު ދެކެން. އެހްނކަމުން ތިޔަ އެވޯޑުގެ ސައްޚަ ކަމާމެދު ސުވާޅު އުފެދޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.