ބޭނުންވަނީ އަތޮޅުގަ ތަށި ބަހައްޓަން، ސަޕޯޓަރުންގެ އެހީތެރިކަން ބޭނުން: ފެހެންދޫ ޓީމް

ފެހެންދޫ ފުޓްބޯޅަ ޓީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ތިނެއްގެ ފައިނަލުގައި މިއަދު ހަވީރު ރ. މީދޫއާ ދެކޮޅަށް ނުކުންނަނީ އަތޮޅަށް ކާމިޔާބީ ހޯދައިދޭންކަމަށް ފެހެންދޫ ޓީމުން ބުނެފިއެވެ. ފެހެންދޫ ޓީމުގެ މެނޭޖަރ މޫސާ ނަސީމް “އީޓީ” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފެހެންދޫ ޓީމަށް މުޅި އަތޮޅުގެ ސަޕޯޓް ބޭނުންވާ ކަމަށާއި، އެރަށް ތަމްސީލު ކުރަނީ މުޅި ބ. އަތޮޅު ކަމަށެވެ.

“ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފަ. މުހިއްމު ހުރިހާ ކުޅުންތެރިންވެސް ޓީމުގަ ހިމެނޭނެ. ވަރަށް ބޮޑު އުއްމީދެއް އެބައޮތް މީދޫ ބަލިކުރެވޭނެކަމުގެ. ފެހެންދޫގެ އަމާޒަކީ ޗެމްޕިއަންކަން އަތޮޅަށް ހޯދައިދިނުން. ޓީމަށް ސަޕޯޓް ކޮށްދިނުމަށް އަތޮޅުގެ ރައްޔިތުންގެ ކިބައިން އެދެން” ފުރަތަމަ ފަހަރަށް މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވި ޓީމުގެ މެނޭޖަރ ވިދާޅުވިއެވެ.

ފެހެންދޫ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި މީދޫ ބަލިކޮށް އަދި މުބާރާތް ބާއްވާ ނައިފަރު ޖުވެނައިލްއާ އެއްވަރު ކޮށްގެން އެއްވަނަ ޓީމުގެ ގޮތުގައެވެ. މިި މުބާރާތުގެ ޒޯން ބުރަށް ފެހެންދޫ ކޮލިފައިވީ މިދިޔަ ތިން އަހަރު ޒޯން ޗެމްޕިއަންކަން ހޯދި އޭދަފުށި ކަޓުވާލުމަށް ފަހުއެވެ.

މިއަދު މެޗަށް ފެހެންދޫއަށް ސަޕޯޓް ކުރުމަށް އެރަށުގެ އިތުރުން ބ. ގޮއިދޫންވެސް ސަޕޯޓަރުން ދާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޭދަފުށިންނާއި އަތޮޅުގެ އެހެން ބައެއް ރަށްރަށުންވެސް ފެހެންދޫ ޓީމަށް ސަޕޯޓް ކުރުމަށް ނައިފަރަށް ދާނެކަމަށް ބެލެވެއެވެ. މިއަދު ހަވީރު ނައިފަރު ފުޓްބޯޅަ ދަނޑުގައި ފައިނަލް މެޗު ފަށާނީ ހަވީރު 3:45 ގައެވެ. ފެހެންދޫ ޓީމަށް “އީޓީ” ގެ ފަރާތުން ކާމިޔާބީއަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.