އުމުރުން 40 އަހަރު، އަދިވެސް އެންމެންގެ ތައުރީފް މަޖިއްޓޭއަށް

އޭދަފުށީ ފުޓްބޯޅައަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދިނުމަށްފަހު ޢަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) ރަސްމީކޮށް އޭދަފުށީ ޓީމުން ރިޓަޔަރ ކުރީ މިދިޔަ އަހަރު އެވެ. ފުޓްބޯޅައިގެ ތާރީހުގައި ރަށު ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ އޭދަފުށީ ޓީމާ ވަކިވުމުން އެއްބަޔަކު އެކަން ގަބޫލުކުރަން ބޭނުންނުވި އިރު، އަނެއް ބަޔަކު ބުނަމުން ދިޔައީ އޭދަފުށީ ޓީމުން މަޖިއްޓޭ ރިޓަޔަރ ކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މި ނިންމުމަށްފަހު މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އޭދަފުށި ނުކުތީ މުބާރާތުގައި ފުރަތަމަ ފަހަރަށް މަޖިއްޓޭގެ ނަން ނުހިމަނައެވެ. އޭގެ ބަދަލުގައި މަޖިއްޓޭގެ ނަން ފެނުނީ އަތޮޅު މުބާރާތުގައި އޭދަފުށި ބަލިކުރި ފެހެންދޫ ޓީމުންނެވެ.

ލިސްޓުގައި ހިމެނުނު ނަމަވެސް އަތޮޅު ބުރުގައި ކުޅުނު ދެމެޗުގައިވެސް ފެހެންދޫ ޓީމުން މަޖިއްޓޭ ފެނިފައެއް ނުވެއެވެ. އޭރުވެސް ފެހެންދޫ ޓީމުން ބުނަމުން ދިޔައީ މަޖިއްޓޭގެ ބޭނުން އަދި އެޓީމުން ހިފާނެ ކަމަށެވެ. ބޮޑަށް ބެލެވޭ ގޮތުގައި އޭދަފުއްޓާ ދެކޮޅަށް މަޖިއްޓޭ އެޓީމުން ބޭނުން ނުކުރީ މަސްލަހަތަށް ވިސްނާފައެވެ. ނަމަވެސް ޒޯން މުބާރާތަށް ފެހެންދޫ ކޮލިފައި ވުމާއެކު މަޖިއްޓޭގެ އެހީތެރިކަން އެޓީމުން ހޯދިއެވެ. ޒޯން މުބާރާތުން ފެހެންދޫއަށް ފުރުސަތު ލިބުމާއެކު އެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ބުނަމުން ދިޔައީ މުޅި ފެހެންދޫ ޓީމް “އެނބުރޭނީ” މަޖިއްޓޭ ވަށައިގެން ކަމަށެވެ. ކަން ވީވެސް އެހެންނެވެ. ޒޯން މުބާރާތުގައި މަޖިއްޓޭގެ ފަރާތުން ފެނުނީ އޭނާގެ އެންމެ ޒުވާން ދުވަސްވަރުގައިވެސް ފެނުނު މޮޅު ކުޅުމެވެ. ފެހެންދޫ ޓީމުން މުބާރާތް ކާމިޔާބު ކުރި އިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ މަޖިއްޓޭއޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ގްރޫޕް ސްޓޭޖުގައި މީދޫކޮޅަށް ފެހެންދޫ ވައްދާލި ލަނޑާއި، ފައިނަލް މެޗުގައި މީދު ކޮޅަށް ފެހެންދޫން ޖެހި ފުރަތަމަ ލަނޑަކީ މަޖިއްޓޭ ތަނަވަސް ކޮށްދިން ދެ ފުރުސަތެވެ. މީގެ އިތުރުން ފައިނަލް މެޗުގައި ފެހެންދޫ ޓީމުގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް މަޖިއްޓޭ ފަހި ކޮށްދިންއިރު އޭނާ ފެނުނީ މުޅި ދަނޑުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރިތަނެވެ.

ފައިނަލް މެޗުގެ 90 މިނެޓު އުމުރުން 40 އަހަރުގެ މަޖިއްޓޭ ފުރިހަމަކޮށް ފެހެންދޫއަށް ހޯދައިދިން ތާރީޚީ ކާމިޔާބީއާއެކު ސޯޝަލް މީޑިޔާއިން ފެނުނީ އޭނާއަށް ތައުރީފް އޮއްސާލިތަނެވެ. މަޖިއްޓޭގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި މިހާރު އެއްވަނަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އިޝާން އިބްރާހީމް (ސައްޓު) އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭދަފުށީ ޓީމަށް އަދިވެސް މަޖިއްޓޭ ހިދުމަތް ބޭނުންވާ ކަމަށާއި، އެކަން އޭނާ ސާބިތު ކޮށްދީފި ކަމަށެވެ.

ކުޅިވަރުގެ ކަންކަމުގައި އަބަދުވެސް ހިތްވަރުދޭ “އީޓީ” ގެ ލިޔުންތެރިޔާ ޢަބްދުﷲ އަޝްރަފް ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ މަޖިއްޓޭ ކަހަލަ ކުޅުންތެރިއަކު ފެންނާނީ ވަރަށް މަދުންކަމަށާއި، ހުރިހާވެސް ސިއްރަކީ ދަނޑާއި ދަނޑުން ބޭރުގައި މަޖިއްޓޭގެ އަޚްލާގު ކަމަށެވެ.

މަޖިއްޓޭއަށް ތައުރީފްކޮށް ޕޯސްޓު ކޮށްފައިވާ ފޮޓޯތަކަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ މަޖިއްޓޭ އަދިވެސް އެފެންވަރުގައި ހިފަހައްޓާނެ ކަމަށް ބުނެފައެވެ.

ފެހެންދޫ ޓީމުން މަޖިއްޓޭގެ ބޭނުން ހިފި ސަބަބާ ގުޅޭގޮތުން އެޓީމުގެ މެނޭޖަރ މޫސާ ނަސީމްއާ “އީޓީ” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަޖިއްޓޭއަކީ އަތޮޅުގެ ލެޖެންޑް ކަމަށާއި، އޭނާ ތަފާތު ދައްކާނެކަން މާކުރިންވެސް އެނގޭ ކަމަށެވެ.

” ފެހެންދޫ ޓީމުން ޤަބޫލުކުރާ ގޮތުގަ މަޖިއްޓޭ އަކީ އަތޮޅުގެ ލެޖެންޑު. އަދިވެސް އޭނަގެ ކޮލިޓީ އެބަހުރި. މަޖިއްޓޭ ކުޅުން ހުއްޓާލުން އަދި އަވަސް ކަމަށް ފެހެންދޫ ޓީމުން ގަބޫލުކުރީ. މާކުރިންވެސް ޔަގީންކަން އޮތް މަޖިއްޓޭ 100 ޕަސެންޓް ދޭނެކަން. އެކަން ފެހެންދޫ ޓީމުގެ ކުޅުންތެރިންވެސް ފާހަގަ ކުރޭ. މިއާއެކު ފެހެންދޫ ޓީމަށް ކުޅުނު ރަށުން ބޭރު ހުރިހާ ކުޅުންތެރިންނަށް ޝުކުރު ދަންނަވަން “

މޫސަ ވިދާޅުވީ ފައިނަލް ބުރުގައިވެސް މަޖިއްޓޭ ވެގެންދާނީ މުހިއްމު ކުޅުންތެރިއަކަށް ކަމަށާއި، މަޖިއްޓޭގެ ތަޖުރިބާއާއެކު އެޓީމަށް އަދިވެސް ކުރިއަށް ދެވިދާނެ ކަމަށް ޤަބޫލުކުރާކަމަށެވެ.
މަޖިއްޓޭގޭ ތަޖުރިބާއާއެކު ފެހެންދޫ ޓީމުން ކަނޑައެޅި ފުރަތަމަ ޓާގެޓަށް ވާސިލް ވެއްޖެއެވެ. އެޓީމުގެ މިހާރު އުއްމީދަކީ އުމުރުން 40 އަހަރުގެ މަޖިއްޓޭގެ ފަހަތުގައި ތިބެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    މަޖިއްޓޭ އާއި ފެހެންދޫ ޓީމުގެ ކުޅުންތެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.