ވެޓަރެންސް މެޗު ސޮކާ މޭޓްސް އިން ކާމިޔާބުކޮށްފި

މޯލްޑިވްސް ސޮކާ މޭޓްސް އާ ދެކޮޅަށް މާލޭގައި މިއަދު ހަވީރު ކުޅުނު ކުރީގެކުޅުންތެރިންގެ އެކުވެރިކަމުގެ ހާއްސަ މެޗުން އޭދަފުށި ބަލިކޮށް 5-2 އިން މޯލްޑިވްސް ސޮކާ މޭޓްސް މޮޅުވެއްޖެ އެވެ.

މި މެޗުގައި ދެ ޓީމަށް ވެސް ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުނެވެ.

އެގޮތުން މޯލްޑިވްސް ސޮކާ މޭޓްސް ޓީމުގައި ކުޑަމޫސަ އާއި ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީގެ އިތުރުން ވިކްޓަރީ އަށް ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކޮށްދިން ކެޕްޓަން އިސްމާއިލް އަނިލް ހިމެނެ އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ޑިފެންސް ލައިން 10 އަހަރު ބެލެހެއްޓި އޭދަފުއްޓަށް އުފަން މުހައްމަދު ޖަމީލު އާއި މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ބިންމާ އަބްދުﷲ ވަހީދު ކުޑަހީނާ ފަދަ ކުޅުންތެރިން ވެސް އެ ޓީމަށް ކުޅުނެވެ.

އޭދަފުށީ ޓީމުގައި ވިކްޓަރީން ގައުމީ ތަށި މިލްކުކުރިއިރު ކުޅުނު އިބްރާހިމް ފައުޒީ އާއި އޭދަފުށީ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ކެޕްޓަންކަންކުރި އަބްދުލްމަޖީދު ހަސަނާއި މިދިޔަ އަހަރު އޭދަފުށީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރި އަބްދުލްމަޖީދު (މަޖިއްޓެ) ހިމެނެ އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސޮކާ މޭޓްސް ޖެހި 5 ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އައްސަދު އަބްދުލްޣަނީ އެވެ. އަނެއް ދެ ލަނޑު ޖެހީ އިސްމާއިލް އަނިލް އެވެ.

އޭދަފުށީ ޓީމަށް ލަނޑު ޖަހައިދިނީ ނަދީމް ހަބީބު އާއި މުހައްމަދު ޒުހާން އެވެ.

މި މެޗު ޝަރަފްވެރިކޮށްދެއްވީ އޭދަފުށީ ވެޓަރެންސް ކްލަބްގެ މަސްއޫލުވެރިޔާ އަދި އޭދަފުށީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އަބްދުލްރައްޒާގު މުހައްމަދު އެވެ.

މި މެޗު ބެލުމަށްޓަކައި ކުރީގައި އޭދަފުށީގެ ފުޓްބޯޅައިގެ އިސްކޮށް އުޅުނު ގިނަ ބަޔަކު ދިޔައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.