ސެންޓޭގެ ބޭބެ ކްލަބް މޯލްޑިވްސް ކަޕްގައި ވިދަނީ

ފާއްޓެ ކްލަބް މޯލްޑިވްސްގައި ކުޅެނީ

މިހާރު މާލޭގައި ކުރިއަށްދާ ކްލަބް މޯކްޑިވްސް ކަޕް ފުޓްސެލް މުބާރާތުގައި ކަސްޓަމްސް އާ ދެކޮޅަށް ކުޅުނު މެޗްގައި މުހައްމަދު ފާސިރު (ފާއްޓޭ) ތިންގޯލް ޖަހައި މުބާރާތުގެ ކްއާޓަރ ފައިނަލަށް އުރީދޫ މޯލްޑިވްސް ގެންގޮސްދީފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗްގައި ފާއްޓޭ ތިން ގޯލްވެސް ޖަހައިފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. އޭދަފުއްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ އުރީދޫ މޯލްޑިވްސް އިން ކަސްޓަމްސް ގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދި މި މެޗްގައި ފާއްޓޭ ހެދި ހެޓްރިކަކީ މި މުބާރާތުގައި އޭނާ ހެދި ދެވަނަ ހެޓްރިކެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ތައުލީމީ ގުޅުމާއި ދެކޮޅަށް ކުޅުނު މެޗްގައިވެސް ފާއްޓޭ ވަނީ ހެޓްރިކް ހަދައިފައެވެ. ފާއްޓޭ އިއްޔެ ޖެހި ތިން ގޯލާއެކު މުބާރާތުގައި އޭނާ ޖެހި ގޯލްގެ އަދަދު ވަނީ ނުވައަކަށް އަރައިފައެވެ. މިހާތަނަށް މުބާރާތުގެ ޓޮޕް ސްކޯރަރ އަކީވެސް އޭނާއެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން 2 އަހަރު ހޯދައިފައިވާ އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުހައްމަދު ފާސިރު ވަނީ ސެންޓޭ އާއެކު މީގެ އަހަރުތަކެއް ކުރިން ފުރަތަމަ ޑިވިޝަންގައި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަށް ކުޅެފައެވެ. ފުރަތަމަ ޑިވަޝަންގައި ކުޅުނުއިރުވެސް ފާއްޓޭ ވަނީ މޮޅު ކުޅުމެއް ދައްކައި އޭވައިލް އަށް މުހިއްމު ގޯލްތަކެއް ކާމިޔާބު ކޮށްދީފައެވެ. އެކަމަކު އޭގެ ފަހުން އަމިއްލަ ރަށަށް ބަދަލުވެ ފާއްޓޭގެ ވިދުން ބޮޑަށް ފެންނަންފެށީ އަތޮޅު މުބާރާތްތަކާއި، ޒޯން މުބާރާތްތަކުގައެވެ. މިގޮތުން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގައި އޭދަފުށި ޓީމުގައި ފާއްޓޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިއީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ކްލަބް މޯލްޑިވްސް ކަޕްގައި ފާއްޓޭ ކުޅޭ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގައި އުރީދޫ މޯލްޑިވްސް ވާދަކުރާނީ މޯލްޑިވިއަން އާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. މެޗަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު ފާއްޓޭ އަންނަނީ އެންމެ ފަހުން ކުޅުނު މެޗްގައި ލިބުނު އަނިޔާއިން ރަގަޅުވުމަށްޓަކައި މަސައްކަތްކުރަމުންނެވެ. އެ މެޗްގައި ފާއްޓޭއަށް ކުޅެވޭވަރު ވާނެކަން އަދި ޔަގީނެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.