
ވައިރަލް ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ފަސޭހައިން ޖެހޭ ގިނަ ރޯގާތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުން ދާތީ ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެލްތް އެލާޓް ނެރެފި އެވެ.
މި އެލާޓުގައި ބުނެފައިވަނީ މި ބަލިތަކަކީ ގައިން ގަޔަށް ވަރަށް ފަސޭހައިން އަރާ ބަލިތަކެއް ކަމަށް ވާތީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށެވެ. އަދި ވަރަށް މުހިއްމު ކަމެއްގައި ނޫނީ ދަތުރުފަތުރު ނުކުރުމަށްވެސް މި އެލާޓުގައި ވަނީ އިލްތިމާސް ކޮއްފަ އެވެ.
ބޭރަށް ހިންގުމަކީ ޢާއްމުކޮށް ކާބޯ ތަކެއްޗާއި ފެނުގެ ޒަރީޢާ އިން ފެތުރޭ ބައްޔެއް ކަމަށް ވާތީ ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށްވެސް ހެލްތު އެލާޓުގައި ވަނީ އިލްތިމާސް ކޮއްފަ އެވެ.
އެޗްޕީއޭ އިން ބުނީ ވައިރަލް ހުމުގެ އިތުރުން ބޭރަށް ހިންގުމާއި ޓައިފޮއިޑް އަދި ސްކްރަބް ޓައިފަސް ހުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަރަށް ހަލުއި ކަމާއެކު ފެތުރެމުން ދާ ކަމަށެވެ.