މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ހއ. މުރައިދޫ ބަލިކޮށްފި އެވެ.
ށ. ފޯކައިދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެހެންދޫ ޓީމުން ކާމިޔާބުކުރީ 4-0 އިންނެވެ. މިއީ ފެހެންދޫން ފައިނަލް ބުރުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ފޯކައިދޫއާ ކުޅެ ފެހެންދޫ ވަނީ 2-3 އިން ބަލިވެފަ އެވެ.
މި މޮޅާއެކު ފެހެންދޫއަށް ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަ ޕޮއިންޓާއެކު މި ގްރޫޕުގެ އެއް ވަނައިގައި އޮތީ އއ. މާޅޮހާއި ށ. ފޯކައިދޫ އެވެ. މުރައިދޫ އަށާއި ފެންފުއްޓަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މިއަދުގެ މެޗުގައި ފެހެންދޫ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް މާޖިދު އާއި އާދަމް ނިޒާމް އާއި ހުސައިން އީމާން އަދި ހަސަން ޝުޖާއު އެވެ.
މި މުބާރާތުގައި ފެހެންދޫ ދެން ބައްދަލުކުރާނީ އއ. މާޅޮހާ އެވެ. އެ މެޗު އޮންނާ އަންނަ އާދީއްތަ ދުވަހު ހަވީރު އެވެ.