އިންޓަ ސްކޫލް ބައިސްކަލް މުބާރާތުގެ ސްޕޮންސަރަކަށް ދިރާގު

ބައިކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަ ސްކޫލް ބައިސްކަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ދިރާގުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މާރކެޓިންގެ ސީނިއާ މެނޭޖަރު މުޙައްމަދު މިރްޝާން ހަސަންއެވެ. އަދި ބައިކް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއާޕާސަން ޒުލޭޚާ ހަސަން ދީދީ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ދިރާގު މާރކެޓިންގެ ސީނިއާ މެނޭޖަރު މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، ބައިކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެވުނިތީ އުފާކުރާކަމަށެވެ. އަދި ބައިކް މޯލްޑިވްސްގެ ފަރާތުން ބައިސްކަލްގެ ހަރަކާތްތަށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެކަމަށްޓަކައި އެ ޖަމިއްޔާއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސްވަނަ ދުވަހު ހުޅުމާލޭގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދިހަ ސްކޫލަކުން ސަތޭކާ ފަންސާހެއްހާ ކުދިން ބައިވެރިވެފައިވާކަމަށް އެ ޖައްމިޔާއިން ބުންޏެވެ.

ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި މި ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވަނީ 20 ޑިސެމްބަރ 2016. އެހެންނަމަވެސް 2015 ވަނަ އަހަރުން ފެށިގެން ބައިކް މޯލްޑިވްސްއިން އަންނަނީ ބައިސިކަލް ދުއްވުމަށް އާއްމުންނަށް ހިތްވަރުދީ، ތިމާވެއްޓާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ތަފާތު ހަރަކާތްތައް އިންތިޒާމްކޮށް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.