ފުރަތަމަ ކްއާޓާގައި ބީއެމްއެލް އަށް ފައިދާގެ ގޮތުގައި 260 މިލިޔަން ރުފިޔާ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 260 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހު ނިމުނު ކުއާޓަރުގައި އެ ކުންފުނިން 616 މިލިޔަން ރުފިޔާގެ ވިޔަފާރި ކުރި އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.

ވިޔަފާރި އިތުރުވި ނަމަވެސް، ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ސާފު ފައިދާ މިދިޔަ އަހަރާ އަޅާބަލާއިރު މާ ބޮޑު ތަފާތެއް ނެތެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު އަގު 193ރ. ގައި ހުރި އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އެ އަގު ހުރީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.

ގައުމީ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ފުރަތަމަ ކުއާޓަރުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި ކުއާޓަރަކީ ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު ކުއާޓަރެއް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޚާއްސަ ސަމާލުކަމެއް ދީގެން، ބާރު ދުވެއްޔެއްގައި މަސައްކަތްކުރާނެ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

“ކާމިޔާބުކަމާއެކު މިއަހަރު ފެށުނީތީވެ އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފަ. މިއީ ގިނަ މަސައްކަތްތަކެއް ކުރެވުނު ކުއާޓަރެއް އަދި މިއަހަރުގެ ބާކީ އޮތް ދުވަސް ތަކުގައި ވެސް މި ބާރު މިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭނަން. މިދިޔަ ކުއާޓަރަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކުއާޓަރެއް. ނަމަވެސް އަޅުގަނޑުމެންގެ މުވަައްޒަފުން ވަނީ ފާހަގަކޮށްލެވޭ ފަދަ ހީވާގި މަސައްކަތްތަކެއް ކޮށްފަ،” އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ކުއާޓަރުގައި ކުރިއަށް ގެންދިޔަ “އަހަރެންގެ ބޭންކް” ކެމްޕެއިންގެ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތްދޭ ކުންފުނިން، 20 އަތޮޅުގައި 34 ބްރާންޗު އަދި 35 ސެލްފްސަރވިސް ބޭންކިން ސެންޓަރާއި، 95 އޭޓީއެމްގެ އިތުރުން 5000 ޕީއޯއެސް މާޗަންޓުންގެ ޚިދުމަތް ދެ އެވެ. އަދި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.