ތުޅާދޫ ކައުންސިލުން ލިޔެލާ ޖަހަން ދަސްކޮށްދޭން ފަށަނީ

ރާއްޖޭގެ ގިނަ ބަޔަކަށް ލިޔެލާ ޖަހަން ދަސްކޮށްދިނުމަށް ބ. ތުޅާދޫ ކައުންސިލުން ނިންމައިފި އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ އެ މަސައްކަތް ދަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން އެދެމުން އަންނަ ކަމަށާ އެހެންވެ، ތުޅާދޫ ކައުންސިލަށް އެއް ލައްކަ ރުފިޔާ ދިނުމުން، އެ ރަށަކަށް ގޮސް ކޯސް ހިންގައިދޭނެ ކަމަށެވެ.

“އެއް ލައްކަ ރުފިޔާ ދިނުމުން، އެ މަސައްކަތަށް ބޭނުންވާ 10 މެޝިނާއި އިންސްޓްރަކްޓަރަކު ފޮނުވައިދޭނެ. އެ ވަރުގެ ފީއެއް ނަގަނީ އިންސްޓްރަކްޓަރަށް މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ދޭން ޖެހޭތީވެ،” މިހާރު ނޫހަށް ދިން ބަސްދީގަތުމެއްގައި އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ކެއުމާއި ހުރުމާއި ދަތުރުގެ ހަރަދުތައް ވެސް އެ ކައުންސިލަކުން ކޮށްދޭން ޖެހޭނެކަމަށާ ލިޔެލާ ޖަހަން ދަސްކުރާ ލަކުޑި ހޯދުމަކީ ވެސް އެ ކައުންސިލަކުން ހަމަޖައްސްއިދޭން ޖެހޭނެ ކަމެއް ކަމުގައެވެ.

ތުޅާދޫ މަޝްހޫރު ވެފައިވަނީ ލިޔެ ލާޖެހުމުގެ މަސައްކަތުގައި ރާއްޖޭގެ އެންމެ ކުޅަދާން މީހުން އުފެދިފައި ތިބި ހަމައެކަނި ރަށުގެ ގޮތުގައެވެ. އެ މަސައްކަތުން ތުޅާދޫ މީހުން ރަނގަޅު އާމްދަނީއެއްވެސް އަންނަނީ ހޯދަމުންނެވެ.

ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ދޭ ސްވެނިއާ ނުވަތަ ހަދިޔާ އަކަށްވެސް އެންމެ މަގްބޫލު އެއްޗަކަށް ވެފައި އޮންނަނީ ތުޅާދޫ ރައްޔިތުން ލިޔެ ލާ ޖަހައިގެން ހަދާފައިވާ އެކި ވައްތަރުގެ ތަކެއްޗެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.