އޭދަފުށީގައި މިހާރު ކުރިއަށްދާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި މިއަދު ފޯސީޒަންސް އެޓް ލަނޑާގިރާވަރު އަތުން 1- 0 އިން މޮޅުވެ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި ދެ ޓީމުގެ ކުރިމަތިލުމުގެ 17 ވަނަ މިނިޓުގައި ރޯޔަލް އަށް ލީޑު ހޯދައިދީ، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްދިނީ މުހައްމަދު ފަޔާޒު އެވެ. މިއަދުގެ މެޗުގައި ލަނޑާގިރާވަރު ރިސޯޓަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއްލިބި އޭގެ ބޭނުން ހިފޭގޮތްވަނީ ނުވެފައެވެ.
މުބާރާތުގެ ދެ ވަނަ ސެމީގައި މާދަމާ ހަވީރު އަނަންތަރާ ކިހަވައްވިލާސް އާ ދެކޮޅަށް ނުކުންނާނީ ސޮނެވާފުށި ރިސޯޓް އެވެ. މުބާރާތުގެ ފައިނަލު ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ.
ކްލަބް ކޮމްބިނޭޝަން އިން އިންތިޒާމުކޮށްގެން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން މިދިޔަ އަހަރު އަލަށް ފެށި އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ސޮނެވާފުއްޓެވެ.