ކަރަންޓް ބިލް މި ފަހަރު ބޮޑުތަ؟

ފެނަކަ އޭދަފުށީ ބްރާންޗް

ކަރަންޓުގެ އަގު ހެޔޮކޮށްފައި ވަނިކޮށް މާޗް މަހާއި އަޅާ ބަލާއިރު އެޕްރީލް މަހުގެ ކަރަންޓު ބިލް ބޮޑުވުމުން މިރަށުގެ ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

“އީޓީ” އާ ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މީގެ ކުރިއެކޭ އެއްގޮތަށް މިދިޔަ މަހާއި އޭގެ ކުރީ މަހުގައި ވެސް ކަރަންޓް ބޭނުން ކުރީ ހަމަ އެއްވަރަކަށެވެ.

“ހަމަ އެހެންޏާ ވެސް ބޭނުން ކުރާ ވަރަށް ކަރަންޓް މިދިޔަ މަހު ވެސް މިގޭގައި ބޭނުން ކުރީ. ކަރަންޓް ބޭނުންކުރާ އިތުރު އެއްޗެއް އިތުރުވީކީ ވެސް ނޫން، އެކަމަކު އާދަޔާ ޚިލާފަށް މިފަހަރު ކަރަންޓް ބިލް ބޮޑު، ކަރަންޓް އަގު ހެޔޮވާނޭ ބުންޏަސް އެއްގޮތަކަށްވެސް ނޭނގޭ މި ވެގެން އުޅޭގޮތެއް،” އެ މީހާ ބުންޏެވެ.

މިކަމާ ކަންބޮޑުވުން ފާޅު ކުރި އެހެން މީހަކު ވެސް ބުނީ އާންމުކޮށް އެ ގޭ ކަރަންޓް ބިލަށް އަރާ ވަރަށް ވުރެ، ހާހެއްހާ ރުފިޔާ މިދިޔަ މަހުގެ ބިލަށް އިތުރުވެފައިވާ ކަމަށެވެ.

“އެކަމަކު އެހެން މަސްމަހަށްވުރެ މަދުން ކަރަންޓް ބޭނުން ކުރެވިފައި ހުންނާނީ. އަނެއްކާ މިދިޔަ މަހު އެތައް ފަހަރަކު ކަރަންޓް ކަނޑާފައި ވެސް އެބަ ހުރި އިންޖީނު ގެއިން އެތައް، އެހެންވެ ގިނަ ފަހަރު ޓީވީ އެއްޗެހިވެސް ބަހައްޓަނީ ނިއްވާލާފައި، އެހެންވީމާ ކަރަންޓް ބިލް ކުޑަ ނޫންތޯ ވާން ޖެހޭނީ. އެކަމަކު އޭގެ ބަދަލުގައި ބިލް ބޮޑު މި ވީ،” އޭނާ ބުންޏެވެ.

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެޕްރީލް މަހުގެ ކަރަންޓު ބިލް ތައްޔާރު ކުރުމުގައި ފެނަކައިން ވަނީ އޮޅުވާލައިފަ އެވެ.

“ބައެއް ފަހަރު ތަޖުރިބާ ކުރެވިފައި އެބަ ހުރި ރީޑިން ނެގުމުގައި މިސްޓޭކެއް ހެދިގެން ވެސް ބިލް ބޮޑުވެފައި،” މީހަކު ބުންޏެވެ.

މިއަދު ފެނަކައިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަންގެ މެނޭޖަރު އަހްމަދު ނަޖާހު ވިދާޅުވީ އޭޕްރިލް މަހުގެ ބިލު ލިބުމާއެކު އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ޝަކުވާތައް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް އިރަކު ބިލް ތައްޔާރުކުރުމުގައި ރައްޔިތުންނަށް އޮޅުވާލައިފާ ނުވާނެކަމަށާ އަރައިގެން އުޅެނީ އޮޅުންތަކެއް ކަމަށް އޭނާ ވިދާލުވި އެވެ.

ފެނަކައިން ބުނީ މި ދުވަސްވަރަކީ އަބަދުވެސް ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާ އިތުރުވާ ދުވަސްވަރެއް ކަމަށާއި އެހެން އެކަން ދިމާވަނީ މާގިނައިން ކަރަންޓު ބޭނުންކުރެވޭތީ ކަމަށެވެ.

އަދި ބިލްތައް ބޮޑުވެގެން ޚާއްޞަކޮށް އެންމެ ބޮޑަށް ފާހަގަކުރެވޭނީ އޭސީ ކޮށްފައި ހުންނަ ގޭބިސީތަކުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.