މަންތާ ސީޒަނަށް ހަނިފަރު ސަރަހައްދު ސާފުކޮށްފި

ހަނިފަރު ސާފުކުރުމުގެ ޕްރޮގްރާމުގެ ބައިވެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ / ބައޮސްފިއާ ރިޒާވް

ޔުނެސްކޯ ބައޮސްފިއާ ރިޒާވްގެ ދަށުން ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ހަނިފަރު ސަރަހައްދު ސާފުކޮށްފި އެވެ.

އޭދަފުށީގައި ހުރި ސަރުކާރު އޮފީސް ތަކުގެ މުވައްޒަފުން ބައިވެރިވެގެން އިއްޔެ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހަނިފަރު ގޮނޑުދޮށުން ގިނަ އަދަދެއްގެ ކުނި ނަގާފައިވެ އެވެ.

ހަނިފަރު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަނީ– ފޮޓޯ / ބައޮސްފިއާ ރިޒާވް

އޭގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ދަޅުގެ އިތުރުން ފުޅިމަދު ފޮށިގަނޑު ފަދަ ތަކެތި ނަގާފައިވެ އެވެ. އެ ތަކެތި ލަނޑާގިރާވަރު ރިސޯޓާއި ކޮކޯޕާމް ދުނިކޮޅު ރިސޯޓް މެދުވެރިކޮށް ނައްތާލެވޭނެ ކަމަށް ބައޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ބައޮސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުން މިދިޔަ ހަފްތާވަނީ ހަނިފަރު ބޭ ގައި އެންމަޑި އުޅޭ ސަރަހައްދުގައި އަޅާފައި ހުރި ބޮއިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

ހަނިފަރު ބޭ ގައި އެންމަޑި އުޅޭ ސަރަހައްދުގައި އަޅާފައި ހުރި ބޮއިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ-ބައޮސްފިއާ ރިޒާވް
ހަނިފަރު ބޭ ގައި އެންމަޑި އުޅޭ ސަރަހައްދުގައި އަޅާފައި ހުރި ބޮއިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ-ބައޮސްފިއާ ރިޒާވް

ބައޮސްފިއާ ރިޒާވް އޮފީހުން ބުނީ “މަންތާ ސީޒަން” އަށް ތައްޔާރުވުމުގެ ގޮތުން މި ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، ސޮނެވާފުށި ރިސޯޓާއި ލަނޑާގިރާވަރު ރިސޯޓާއި ކޮކޯޕާމް ދުނިކޮޅު އާއި މިލައިދޫ ރިސޯޓް އަދި ޑްރީމްލޭންޑް ރިސޯޓްގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ފަރާތައް ޝުކުރު އަދާކުރާ ކަމަށެވެ.

އިއްޔެ ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތް ނިންމާލުމަށްފަހު، މި ހަރަކާތުގައި ބައިވެރިވި ފަރާތްތައް ވަނީ އެންމަޑިއުޅޭ ސަރަހައްދަށް ގެންގޮސް ފީނާލުމުގެ ފުރުސަތު ދީފަ އެވެ.

ހަނިފަރު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަނީ– ފޮޓޯ / ބައޮސްފިއާ ރިޒާވް

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ވަރަށް މުހިންމު މަންޒިލެކެވެ.

މިއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނަން ފަށާ ދުވަސްވަރެވެ. ކޮންމެ އަހަރެއްގެ މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ހަނިފަރު ކައިރިން އެންމަޑި އާއި ފެހުރިހި ފެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.