އެވޯޑް ލިބުމުން ކުރިއަށްދާން ލިބުނީ ބޮޑު ހިތްވަރެއް: ސެންޓޭ

ސެންޓޭ މިހާރު އެވޯޑްސް އާއެކު: ފޮޓޯ: އިމޭޖަސް އެމްވީ

މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްދޭ ރަންބޫޓުގެ މަގާމް ލިބުމުން އިތުރަށް ކުރިއަށްދާން ހިތްވަރެއް ލިބިއްޖެ ކަމަށް ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

“މިހާރު” ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ސެންޓޭ ބުނީ އޭނާ އަށް އެވޯޑް ލިބުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ނިއު އިން ހޯދި ކާމިޔާބީ ކަމަށެވެ.

“ވަރަށް ހިތްހަމަ ޖެހޭ. އެއީ މިދިޔަ އަހަރު އެވަރަށް (އެވޯޑް ލިބޭ ވަރަށް) ކުޅެވުނީމަ. މިދިޔަ އަހަރު ފުރަތަމަ ކޮޅު ދަށްކޮށްދިޔައީ ދެން ކޯޗު ބަދަލުވި ހިސާބުން (އޮސްކާ ހަވާލުވި ހިސާބުން) ހުރިހާ ކަމެއް ރަނގަޅަށް ދިޔައީ. ކޯޗު (އޮސްކާ) އައިސް މުޅި އެތި ބަދަލުކޮށްލިތަން ރާއްޖޭގެ ފުޓްބޯޅައިގައި އުޅޭ އެންމެންނަށް ވެސް ފެނިއްޖެ،” ސެންޓޭ މިހާރު ނޫހަށް ދީފައިވާ އިންޓަވިއުގައި ބުންޏެވެ.

ސެންޓޭ ވަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރިއިރު މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ.

“ނަތީޖާ ރަނގަޅުވެ ކްލަބަށް ވެސް ކާމިޔާބީ ހޯދައިދިނީމަ މި އެވޯޑް މި ލިބެނީ. ކްލަބް ކާމިޔާބު ނުހޯދަންޏާ އަމިއްލަ އަކަށް މި ވަރު ކަމެއް ނުވާނެ. ކުރިއަށް އޮތްތަނުގައި ވެސް ބޭނުންވަނީ ކްލަބަށް ކާމިޔާބު ހޯދައިދީގެން އިންޑިވިޖުއަލް އެވޯޑެއް ހޯދަން،” ބ. އޭދަފުށްޓަށް އުފަން ސެންޓޭ މިހާރަށް ބުންޏެވެ.

މިހާރު ނޫހުގައި ބުނެފައިވާ ގޮތުގައި މި އެވޯޑާ އެކު ސެންޓޭގެ ވިސްނުން ހުރީ ފަސް އެނބުރި ނުބަލައި ކުރިއަށް ދިއުމަށާއި ކާމިޔާބު ހޯދުމަށެވެ.

ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

“ކޮންމެ ގޮތެއް ވިޔަސް އެވޯޑެއް ލިބުމަށް ފަހު ހިތްވަރެއް ލިބޭ. އެ ކުރާ މަސައްކަތް އަގުވަޒަންކޮށް މި ވަރުގެ ކަމެއް ކުރާތީ. ކުރިއަށް އޮތްތަނުގައި މި ހުރީ ވަރުގަދަ މެޗުތަކެއް. އޭއެފްސީ ކަޕްގައި ވެސް. އެ މެޗުތަށް ގެނައުން އެންމެ މުހިއްމު ކަމަކީ،” ސެންޓޭ ބުނެފައިވެ އެވެ.

ސެންޓޭ މިދިޔަ ސީޒަނުގެ ރަންބޫޓް ހާސިލްކުރީ 24 ލަނޑު ޖަހައި 47 ޕޮއިންޓާ އެކު އެވެ. ޕޮއިންޓް ސިސްޓަމަށް ބަލައިގެން މި ފަހަރު ރަންބޫޓް ހޮވިއިރު މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގައި ޖަހާ ލަނޑަކަށް ކޮންމެ ކުޅުންތެރިޔަކާށް ވެސް ލިބުނީ އެއް ޕޮއިންޓް ލިބުނެވެ. ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖަހާ ގޯލުތަކަށް ދެ ޕޮއިންޓް ލިބުނުއިރު ގައުމީ ޓީމާއި ކްލަބް ލެވެލްގެ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޖަހާ ކޮންމެ ގޯލަކަށް ތިން ޕޮއިންޓް ލިބުނެވެ.

މި ސީޒަނުގެ މިހާތަނަށް ސެންޓޭ ވަނީ ހަ ގޯލު ޖަހައިފަ އެވެ. ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓް އޮތްއިރު، މިއަދު ހަވީރު ދެ ވަނަ ބުރުގައި ނިއު ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.