ރޯދަމަހު ބީއެމްއެލް އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ ރޯދަ މަހު ހިދުމަތް ދޭ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހު ހެނދުނު 10:00 ން ފެށިގެން މެންދުރުފަހު 2:00 އަށް މެއިން ބްރާންޗް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ އެހެން ބޭންކުތަކުން ހިދުމަތް ދޭ ގަޑިތަކަށް ވުރެ އިތުރު ވަގުތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކުގެ އެހެން ބްރާންޗްތައް ރޯދަމަހު ހުޅުވާނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށެވެ. އަދި އެ ބޭންކުން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ފައިސާ ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް، ފައިސާ ނެގުމުގެ ހިދުމަތް ވެސް ރޯދަ މަހު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާލޭގައި ބޭންކިންގ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑު އިރު ވީހާވެސް ގިނަ ބަޔަކަށް ރަމަޟާން މަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ރަމަޟާން މަހު މާލޭގެ ހުރިހާ ބްރާންޗަކުންވެސް ހަތަރު ގަޑިއިރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތްދޭ ކުންފުނިން، 20 އަތޮޅުގައި 34 ބްރާންޗު އަދި 35 ސެލްފްސަރވިސް ބޭންކިން ސެންޓަރާއި، 95 އޭޓީއެމްގެ އިތުރުން 5000 ޕީއޯއެސް މާޗަންޓުންގެ ޚިދުމަތް ދެ އެވެ. އަދި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.