ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަސް އޭދަފުށީގައި ކުލަގަދަކޮށް ފާހަގަކުރަން ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މި ދުވަސް ފާހަގަކުރަން ބާއްވާ މައި ހަރަކާތް އޮންނާނީ، މިއަދު ހަވީރު 4:00 އިން 6:00 އަށް އެ ސްކޫލުގަ އެވެ. މި ހަވީރުގައި ދަރިވަރުންގެ ހާއްސަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ތަފާތު ކުޅިވަރު ސްޓޯލްތައް އޮންނާނެ އެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން އެ ސްކޫލުގައި މިއަދު ވަނީ ހާއްސަ އެސެމްބްލީއެއް ވެސް ބާއްވައިފަ އެވެ.
މީގެ އިތުރުން ފޭލި ޖަމިއްޔާއިން ވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހަވީރު އޭދަފުށީ “ފުށި ފަންނު” ޕާކު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާން ދަނީ ތައްޔާރުވަމުންނެވެ. ރަށުގެ ކުޑަކުދިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ގޮތުން ބާއްވާ އެ ހަވީރުގައި ވެސް ތަފާތު ކުޅިވަރު ހަރަކާތްތަކާއި ސްޓޯލް ތަކުގެ އިތުރުން ކެންޓީނެއް ވެސް ކުރިއަށްދާނެ ކަމަށް ފޭލިން ބުންޏެވެ.
ކޮންމެ އަހަރެއްގެ މޭ 10 ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގަ އެވެ.