ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރުމަށް ފެސްޓިވަލެއް ބާއްވަނީ

“ބާ އެޓޯލް ފެސްޓިވަލް” އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.— ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވް ހިމެނޭ މަޝްހޫރު ބ. އަތޮޅު ޕްރޮމޯޓް ޕްރޮމޯޓް ކުރަށް ހާއްސަ ފެސްޓިވަލެއް އިފްތިތާހުކޮށްފި އެވެ.

“ބާ އެޓޯލް ފެސްޓިވަލް” ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އިފުތިތާހު ކުރީ ސޮނެވާފުށި ރިސޯޓު ކައިރީގައި އޮންނަ ބޮޑު ފިނޮޅެއްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މިއަތޮޅު ޕްރޮމޯޓް ކުރުމަށް ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ސޮނެވާފުށި، ފޯ ސީޒަންސް، ދުސިޓް ތަނި، ވައްކަރު، އަމިއްލަފުށި އަދި ފިނޮޅުންވަނީ އަތުގުޅާލައިފަ އެވެ.

މި ރަސްމިއްޔާތުގައި ވަނީ މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ރިސޯޓަކުން ވެސް ޚާއްސަ ކެއުންތައް ތައްޔާރުކޮށް، ހަ ރިސޯޓުގެ ކެއުންތައް އެއް ތަނަކުން ތަޖުރިބާ ކުރުމުގެ ފުރުސަތު ރަސްމިއްޔާތުގެ ބައިވެރިންނަށް ދީފަ އެވެ.

މިއީ ރިސޯޓުތަކެއް ގުޅިގެން އަތޮޅެއް ޕްރޮމޯޓް ކުރަން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މި ފެސްޓިވަލް އިފްތިތާހު ކުރީ ރިސޯތުތަކުގެ ޝެފުން، ޚާއްސަ ދަންމަރެއްގައި އަލިފާން ރޯކުރުމާ އެކު އެވެ. ޝެފުންގެ އިތުރުން ރިސޯޓުތަކުގެ ޖެނަރަލް މެނޭޖަރުންނާއި މެރިން ބަޔޮލަޖިސްޓުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.

“މި ފެސްޓިވަލްގެ އަމާޒަކީ ޑެސްޓިނޭޝަނެއް ގޮތަށް ބ. އަތޮޅު އިޝްތިހާރު ކުރުން. މިހާރު އިޝްތިހާރު ކުރަނީ ރާއްޖެ އެކު އެކީގައި. ދެން މި ހުންނަނީ ވަކި ރިސޯޓުތައް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރު ވާނީ ރިސޯތުތަކުން ގުޅިގެން މިފަދަ ކަންކަން ކުރީމާ،” ބ. އަތޮޅު ފެސްޓިވަލް ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އަމިއްލަފުށި އަދި ފޮނޮޅު ހިންގާ ދަ ސްމޯލް މޯލްޑިވްސް އައިލެންޑުގެ ސީއީއޯ މާކް ހޭހާ ވިދާޅުވި އެވެ.

“ބާ އެޓޯލް ފެސްޓިވަލް” އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.— ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަމިއްލަފުށީގައި ހުންނަވައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން މާކް ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ދެން އޮތް ހަރުފަތަށް ގެންދަން ކޮންމެހެން މުހިންމު ކަންތައްތަކެއް ކަމަށެވެ. އަދި މި ފެސްޓިވަލާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ސަރުކާރުން ވެސް މިކަމަށް އެއްބާރުލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި، ރިސޯޓުތައް ގުޅިގެން އަތޮޅެއް ޕްރޮމޯޓް ކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މި ހަރަކާތް އިތުރަށް ފުޅާ ކުރާނެ ކަމަށް ވެސް މާކް ވިދާޅުވި އެވެ.

“ބާ އެޓޯލް ފެސްޓިވަލް” އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.— ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބ. އަތޮޅު ފެސްޓިވަލް ކުރިއަށް ގެންދާނީ މި އަހަރުގެ ޖުލައި 20 ވަނަ ދުވަހުން ފެށިގެން އޯގަސްޓް ތިން ވަނަ ދުވަހާ ހަމަ އަށެވެ. މި ފެސްޓިވަލްގައި އޮންނާނީ، ފަތުރުވެރިން ޒިޔާރަތްކުރާ ރިސޯޓުގެ އިތުރުން، ފެސްޓިވަލްގައި ބައިވެރިވާ ކައިރި އެހެން ރިސޯޓުތަކަށް ކާން ދިއުމުގެ ފުރުސަތެވެ.

އެގޮތުން ފެސްޓިވަލްގެ ކޮންމެ ހަފުތާ އަކު ވެސް، އެ ހަފުތާ އަކަށް ކަނޑައަޅާފައިވާ ރިސޯޓަކަށް ޒިޔާރަތްކޮށް، އެ ރިސޯޓެއްގެ ޑިޝްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު އެހެން ރިސޯޓުތަކުގެ ގެސްޓުންނަށް ހުޅުވާލާނެ އެވެ.

ރާއްޖޭގައި މުޅިން އަލަށް މިފަދަ ކަމެއް ރިސޯޓުތަކުން ފެށިއިރު، އަންނަ އަހަރުގެ ފެސްޓިވަލްގައި ކެއުމުގެ އިތުރުން އެހެނިހެން ހަރަކާތްތައް ވެސް ހިމަނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.