
ބ. އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެން އޭދަފުށީގައި އެޅުމަށް ނިންމާފައިވާ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް މިރަށަށް ގެނެސްފި އެވެ.
ޓާފާ އެކު ޓާފު އެޅުމަށް ބޭނުންވާ ސާމާނާއި ދަނޑު ތެރެއަށް ފެން ހިންދާ އަދި ބޯޅަ ބައުސް ކުރުމަށް ހަދާ ޝޮކް ޑްރެއިން ސިސްޓަމެއްވެސް ވަނީ ގެނެސްފަ އެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި މިއަދު ގެނައި ޓާފް ޝިޕްމަންޓަކީ އެންމެފަހުން ފީފާ ވޯލްޑްކަޕް ކޮލިފިކޭޝަންގައި ވެސް ޓެސްޓްކޮށް އެޕްރޫވް ކޮށްފައިވާ ޓާފެވެ. މީގެ އިތުރު ޝިޕްމަންޓެއް އަންނަ ހަފްތާ ތެރޭ މިރަށަށް ގެންނާނެކަން ވެސް އެނގިފައިވެ އެވެ.
ޓާފު ދަނޑު އަޅަން ހަމަޖައްސާފައި ވަނީ އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގަ އެވެ.
ދަނޑު ހެދުމުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންކުރާ މެޝިނަރީޒް އާއި މަސައްކަތް ފަށައިގަންނަން ބޭނުންވާ ބައެއް ސާމާނު މިދިޔަ މާޗު މަހު ވަނީ ގެނެސްފަ އެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ދަނޑު ލެވެލް ކުރުމަށް ބޭނުންވާ ވެލި ނެގުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މި ޕްރޮޖެކްޓަކީ މިދިޔަ މަޖްލިސް އިންތިހާބުގެ ކެމްޕޭނުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ނަޒީރު ވެ ވަޑައިގެންނެވި ވައުދެކެވެ.
އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް އެ ދަނޑުގެ އަމަލީ މަސައްކަތް ހާއްސަ ރަސްމިއްޔާތަކާއެކު ފަށާނެ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެ ދަނޑުގައި ޓާފް އެޅުމުގެ އިތުރުން ލައިޓް ސިސްޓަމުތައް ވެސް ހަރުކުރާނެ އެވެ.
ފުޓްބޯޅައަށް މަރުދޭ ޒުވާނުންތަކެއް ދިރިއުޅޭ އޭދަފުށިން ރާއްޖޭގެ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފެދިފައިވާއިރު މިރަށުގައި އެކަށީގެންވާ ދަނޑެއް ނެތުމުގެ ޝަކުވާ މި ދާއިރާގެ ގިނަބަޔަކު އަބަދުވެސް ކުރެއެވެ. މި ޕްރޮޖެކްޓް ކާމިޔާބުވެއްޖެނަމަ މިއީ އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ވާސިލްވުމަށް ހުޅުވޭނެ ވަރަށް މުހިއްމު ދޮރަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

