ޓީޗަރުންނަށް ޓެބްލެޓް ދޫކުރަން ފަށައިފި

ޓެބްލެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގެ ހުރިހާ ސްކޫލުތައް ޑިޖިޓައިޒްކޮށް ޓީޗަރުން ބޭނުންކުރާނެ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް މިއަދު ދޫކުރަން ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ ޓެބްލެޓް ބެހީ އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށެވެ.

އެ މިނިސްޓްރީން ބުނީ މި ހަފްތާ ނިމެންވާއިރަށް މާލޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓު ދީ ނިމޭނެ ކަމަށެވެ. އަދި އަންނަ ހަފުތާގައި އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލުތަކަށް ޓެބްލެޓް ބަހަން ފަށާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ދެ ވަނަ ޓާމު ފެށުމުން ދަރިވަރުންނަށް ވެސް ޓެބްލެޓް ބަހާނެ އެވެ.

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ތައުލީމީ ނިޒާމު ބަދަލުކޮށް ދަރިވަރުން ތައްޔާރުކޮށްދެމުން އަންނަނީ ކާމިޔާބު ދިރިއުޅުމަށް ކަމަށެވެ.

އެޑިޔުކޭޝަނުން ބުނި ގޮތުގައި މި މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރުމުގެ މަސައްކަތް މިހާރުވަނި ނިންމައިފަ އެވެ. އަދި ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުން ކުރު މުއްދަތުގެ ކޯހެއް ފުރިހަމަކޮށް އެ ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސަރުކާރު ސްކޫލްތަކުގެ ގޮތު ހިންގާ 212 ސްކޫލް ރާއްޖޭގައި ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ގަތީ ވޭވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.