އޭދަފުށީގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އަނެއްކާ ވެސް ބީލަމަށް

ބ. އޭދަފުށި. މިރަށުގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އަނެއްވާވެސް ވަނީ ބީލަމަށް ލާފައި– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ބ. އޭދަފުށި ހިމެނޭގޮތަށް ހަ ރަށެއްގައި 500 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި މިއަދު ކުރި އިއުލާނުގައި ބުނީ، ބ. އޭދަފުއްޓާއި ށ. ކޮމަންޑޫ އާއި ރ. މަޑުއްވަރީގެ އިތުރުން ދ. ކުޑަހުވަދޫ އާއި ދ. މީދޫ އަދި ލ. ގަމުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލްގެ ދަށުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހަޅަން ވަނީ ދައުވަތު ދީފަ އެވެ.

މި މަޝްރޫއުގެ ތެރެއިން އޭދަފުށީގައި 100 ހައުސިން ޔުނިޓް އަޅާއިރު، ކޮމަންޑޫ އާއި މަޑުއްވަރީ އާއި ކުޑަހުވަދޫގެ އިތުރުން މީދޫގައި އަޅަން ނިންމާފައިވަނީ 50 ހައުސިން ޔުނިޓެވެ. އަދި ގަމުގައި އަޅަން ހަމަޖައްސާފައިވަނީ 200 ހައުސިން ޔުނިޓެވެ.

މިރަށްރަށުގައި ހައުސިން ޔުުނިޓް އަޅައިދޭނެ ބަޔަކު ހޯދަން މީގެ ކުރިންވެސް ދެތިން ފަހަރަކު ފިނޭންސުން އިއުލާނުކުރި އެވެ.

ބީލަމުގައި ބައިވެރިވުމަށް 1500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ. ފައިސާ ބަލައިގަތުން އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް އޮންނައިރު ބީލަން ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.

2014 ވަނަ އަހަރު ބާރަ ވަރަކަށް ދުވަހުން އޭދަފުށީގެ ބިން ހިއްކައި ނިމުނުއިރު ރަށުގެ ބިމުގެ ސައިޒަށް ގާތްގަޑަކަށް 56 ހެކްޓަރު ބިން ވަނީ ބޮޑުވެފަ އެވެ. ކުރިން މިރަށުގެ ބިމުގެ ސައިޒަކީ ގާތްގަޑަކަށް 31 ހެކްޓަރެވެ. ބިން ހިއްކިފަހުން ހައުސިން ޔުނިޓުތަކެއް އެޅުމަކީ މިރަށުގެ ރައްޔިތުން ކުރަމުން އަންނަ ވަރަށް ބޮޑު އުއްމީދެކެވެ.

އޭދަފުށީގެ ބިން ބޮޑުކޮށް، ކައިރީގައި ހުރި ކުދި ރަށްތަކުން މި ރަށަށް މީހުން ހިޖުރަކުރުމަކީ ރަށް އިތުރަށް ތަރައްގީވެ ސަރުކާރުގެ ބަޖެޓަށް ވެސް ވަރަށް ބޮޑަށް ލުއި ވާނެ ކަމެއް ކަމަށް ބިންހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.