ހަނިފަރު ފަރަށް ފަތުރުވެރިންނާއެކު ސަފާރީއެއް އަރައިފި

ހަނިފަރު ފަރަށްއެރި ސަފާރީ

ހިޔާމަތް ކޮށްފައިވާ ބ. ހަނިފަރަށް ފަތުރުވެރިންނާއެކު ސަފާރީއެއް އޭގެ ޑައިވިން ދޯންޏާއެކު ރޭ ފަތިހު އަރައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެސްޓީއޯ “މުޒައިފު” ނަމަކަށް ކިޔާ ސަފާރީއެއް އޭގެ ޑައިވިން ދޯންޏާއެކު ހަނިފަރު ފަރަށް އެރިއިރު އޭގައި 17 ފަތުރުވެރިންނާއި 17 ފަޅުވެރިން ތިއްބެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:42 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އަދި ސަފާރީ އާއި އޭގެ ޑައިވިންގ ދޯނި ފުންކުރެވިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރި މަސައްކަތުން މިއަދު އަށެއް ޖަހަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުގައި އެންމަޑި އާއި ފެހުރިހި އުޅޭތީ އެވެ. އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ބޮޑު އާމްދަނީއެއް ލިބެ އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނީ ސަފާރީ އާއި އޭގެ ޑައިވިން ދޯނި ފަރަށް އެރުމުން، ފަރަށް ލިބުނު ގެއްލުންތައް އިތުރަށް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް އީޕީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ޔުނެސްކޯ ބަޔޮފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރަށް ދޯނި އެރުމުން ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.