ކުޅިވަރު ހަރަކާތްތަކުގައި އޭދަފުށި ތަމްސީލު ކުރުމަށް ރަށު ކައުންސިލުން އިސްނަގައިގެން އުފައްދަން މަސައްކަތްކުރާ ކުލަބް އޭދަފުށީގެ ދިދަ އާއި ލޯގޯ ކުރަހައި ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.
ލޯގޯ ޑިޒައިންކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރޭގައި ލޯގޯ ގައި ކުލަބް އޭދަފުށީގެ ނަން އިނގެރޭސި އަކުރުން ހިމެނުމާއި ޑިޒައިން ކުރާއިރު ކުލަބްގެ ކުލަތައް ކަމަށްވާ ރަތް ކުލައާއި ހުދު ކުލަ އަދި ނޫ ކުލަ ބޭނުން ކުރަން ޖެހެ އެވެ. އަދި ލޯގޯއިން ޒުވާނުންނާއި ކުޅިވަރު ރަމްޒުކޮށްދޭން ޖެހެއެވެ.
މީގެ އިތުރުން ލޯގޯ ހުޅަހަޅާއިރު އިންނަން ޖެހޭނީ 5 ސެންޓިމީޓަރު 5 ސެންޓިމީޓަރުގެ ގޮޅިއެއްގަ އެވެ. އަދި ލޯގޯ ބޭނުންކުރެވޭނެ ހާލަތުތައް ވެސް ހުށަހަޅަންޖެހެ އެވެ.
ދިދަ ހުށަހަޅާއިރު ވެސް ކުލަބުގެ ކުލަތައް ބޭނުންކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ. ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގެ 3/2 އެވެ.
ލޯގޯ އާއި ދިދަ ކުރަހައި، ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. ލޯގޯ ދިދަ ޑިޒައިންކޮށް ހުށަހަޅަން ޖެހެނީ އޭދަފުށީ ކައުންސިލް އިދާރާ އަށެވެ.