ބ. އަތޮޅު ކައުންސިލު އިދާރާ މެދުވެރިކޮށް ޕާސްޕޯޓް އެޕްލިކޭޝަން ފޯމް ހުށައެޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ، އެ ކައުންސިލުން އިމިގްރޭޝަނާއެކު ވެފައިވާ އެއްބަސްވުމާއެކު ޕާސްޕޯޓް އަލަށް ހަދަން ބޭނުންވާ ފަރާތްތަކާއި، މުއްދަތު ހަމަވެގެން ޕާސްޕޯޓް އާ ކުރަން ބޭނުންވާ ފަރާތްތަކަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ކައުންސިލު އިދާރާ މެދުވެރިކޮށް ފޯމް ހުށަހަޅައި، ފައިސާ ބަލައިގަތުގެ ހިދުމަތްދޭން ފަށައިފައިވާ ކަމަށެވެ. ނަމަވެސް ޕާސްޕޯޓް ދޫކުރާނީ އިމިގްރޭޝަނުންނެވެ.
އަތޮޅު ކައުންސިލު އިދާރާ މެދުވެރިކޮށް ޕާސްޕޯޓް ފޯމް ހުށަހެޅޭ ގޮތަށް ހަމަޖެއްސިއިރު، މިހާތަނަށް މި ހިދުމަތް މިއަތޮޅުގައި ދެމުން ގެންދިޔައީ އޭދަފުށީ ޕޯސްޓްއޮފީސް މެދުވެރިކޮށެވެ.
ބ. އަތޮޅު ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓް ހިދުމަތުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތް ތަކާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ދަނީ ދެމުންނެވެ.