
މުވާސަލާތީ ކުންފުނި ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ގޮތަށް ކުރު ފިލްމު ހަދަން ދަސްކޮށްދޭ “ފިލްމް ފޯ ޗޭންޖް” ޕްރޮގްރާމް 21 ބައިވެރިންނާއެކު އިއްޔެ ފަށައިފި އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ އެ ޕްރޮގްރާމުގެ ބައިވެރިންނަށް، މަދު އިކުއިޕްމަންޓް ބޭނުންކޮށްގެން އިޖުތިމާއީ އެކިއެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށް ކުރު ފިލްމް ތައްޔާރު ކުރުމުގެ ހުނަރު ދަސްކޮށްދެވޭނެ ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.
އަދި މުޖުތަމައުގައި ހިނގާ ތަފާތު އެކިއެކި މައްސަލަތަކަށް އަލިއަޅުވާލާނެ ގޮތާއި ފިލްމު ތައްޔާރުކުރާ އިރު ހިމެނޭ ހުރިހާ މަސައްކަތެއްގެ ތަމްރީނު ބައިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް ޔޫއެންޑީޕީ އިން ބުންޏެވެ.

އެ ތަމްރީން ޕްރޮގްރާމުގައި ޑައިރެކްޓް ކުރުމާއި ވީޑިއޯގްރަފީ، ވާހަކަ ލިޔުމުގެ އިތުރުން ޕްރޮޑަކްޝަނާ ބެހޭ ގޮތުން ބައިވެރިން ތަމްރީން ކުރާނެ ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.
ހަފްތާއެއްގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ބައިވެރިން ތަމްރީން ކުރާނީ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ. މީގެ އިތުރުން ސްޓްރީކް، ރަވީ، އޯކޭޒް އިންކް، ސްކޮޔާ ސްޓޫޑިއޯ އަދި ސިކުޑިކޯޕް އަކީ، ކުރު ފިލްމް އުފެއްދުމުގެ ޕްރޮގްރާމްގެ މެންޓާސްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކެވެ.
ޔޫއެންޑީޕީ އިން ބުނީ ތަމްރީން ޕްރޮގްރާމްގެ ބައިވެރިން އެކި ގްރޫޕްތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ޒުވާނުން އުފައްދާ ފިލްމްތައް ރަސްމީކޮށް ލޯންޗް ކުރުން ފިލްމު ފެސްޓިވަލްގައި ކުރިއަށްދާނެ ކަމަށެވެ.
ހަމައެއާ އެކު ސޯޝަލް މީޑިއާ ބޭނުންކޮށް އާންމުންނާ ހަމައަށް އެކުދިން ތައްޔާރުކުރި ކުރު ފިލްމު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
މިއީ ޒުވާނުންނަށް ހާއްސަކޮށްގެން މި ޕްރޮގްރާމް ކުރިއަށްގެންދާ ދެ ވަނަ ފަހަރެވެ.
