ފެހެންދޫގައި ސިއްހީ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ބ. ފެހެންދޫ

ތިން މަސްދުވަހުގެ ތެރޭގައި ބ. ފެހެންދޫ ގައި ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޓްރައިސް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް އާއި ހަވާލު ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެ ކުންފުނީގެ ފަރާތުން މި މަސައްކަތާ ހަވާލުވެ ވަޑައިގަތީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ވަހީދެވެ.

މި މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 1،522،282.12 (އެއް މިލިޔަން ފައްސަތޭކަ ބާވީސް ހާސް ދުވިސައްތަ އައްޑިހަ ދެ ރުފިޔާ ބާރަ ލާރި) ޚަރަދުކުރެ އެވެ.

ގާތްގަނޑަކަށް 300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެހެންދޫ އަކީ ރާއްޖޭގައި މިހާތަނަށް އައިއިރު ސިއްހީ ހިދުމަތް ދޭނެ އިމާރާތެއް ހެދިފައި ނެތް ހަމައެކަނި ރަށެވެ. އެ ރަށުގައި ސިއްހީ ހިދުމަށް މިހާރު ދެމުން އަންނަނީ ކުއްޔަށް ހިފާފައިވާ އަމިއްލަ މީހެއްގެ އިމާރާތުގަ އެވެ.

ހަސަން ރަޝީދު ވިދާޅުވީ، އެ ތަންތަނަކީ ސިއްހީ ހިދުމަތް ދިނުމަށް ހެދިފައިވާ އިމާރާތްތަކަށް ނުވުމާއިއެކު ހިދުމަށް ދިނުމަށް ދަތިތަކެއް ކުރިމަތި ވަމުންދާ ކަމަށެވެ.

ފެހެންދޫގައި ހަދާ ސިއްހީ މަރުކަޒުގައި ބަލިމީހުން ބަލާ ކޮޓަރި، ޑްރެސިން، ލޭބަރ ރޫމް، ބަލިމީހުން ބައިތިއްބާ ވޯޑު، އޮފީސް، ސްޓޯރ ރޫމް އަދި ޕޯރޓިކޯ ހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.