ބީއެމްއެލް އިން އޮންލައިންކޮށް ބޭރަށް ފައިސާ ފޮނުވޭގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮންލައިންކޮށް، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި، އެ ބޭންކުން ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ތައާރަފްކުރެވުނު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތް ލިބޭނީ ބީއެމްއެލް މޮބައިލްޕޭ އެޕް މެދުވެރިކޮށެވެ.

އަދި މި އެޕް މެދުވެރިކޮށް ދުވާލަކަށް 3،000 ޔޫއެސް ޑޮލަރާ ހަމަޔަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

“ފަސޭހަކަމާއެކު ބީއެމްއެލް މޮބައިލްޕޭ އެޕް ޑައުންލޯޑްކޮށް، އެއަށްފަހު ރަޖިސްޓަރ ކޮށްގެން ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިގިޓަލް ވޮލެޓަކަށްވެސް ފައިސާ ފޮނުވޭނެއެވެ،” ބީއެމްއެލް އިން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

ބީއެމްއެލް އިން ބުނީ މި ޚިދުމަތް މެދުވެރިކޮށް، ތައުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ދަތުރުކުރާ ގިނަ ގައުމުތަކަށް ފައިސާ ފޮނުވޭނެ ކަމަށެވެ.

ފައިސާ ފޮނުވުމުގެ ޚިދުމަތުގެ އަގު 5 ޔޫއެސް ޑޮލަރުން ފެށޭއިރު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތުގެ އަގު ވެގެންދާނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގު ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އަދި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ މިހާރު ގޭގައި ނުވަތަ ކޮންމެ ތާކު ހުންނަވައިގެން ވެސް ދަރިފުޅުގެ ޔުނިވަރސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާކުރުމަށް ދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

“އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ. މިހާރު ގޭގައި ނުވަތަ ކޮންމެ ތާކު ހުންނަވައިގެންވެސް ދަރިފުޅުގެ ޔުނިވަރސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާކުރުމަށް ދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ. ރާއްޖޭގައި މަސައްކަތްކުރައްވާ އެތައް ހާސް ބިދޭސީންނަށްވެސް މި ޚިދުމަތް މަގްބޫލް ޚިދުމަތަކަށް ވެގެންދާނެ. އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފަސޭހަކަމާއެކު، ބޭނުން ވަގުތަކު އަދި އަގު ހެޔޮކޮށް ފައިސާ ފޮނުވޭނެގޮތް މިވަނީ ހަމަޖެހިފައި”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.