
ބ. އަތޮޅު ފިނޮޅު ރިސޯޓްގެ ފަޅުތެރޭގައި ފީނަން އުޅުނު ޗައިނާގެ ދެ ފަތުރުވެރިއެއްގެ ގައިގައި އެ ރިސޯޓް ލޯންޗެއްގެ ބުރަފަތިން ޖެހި، އޭގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު 11:15 ހާއިރު ލޯންޗުގެ ބުރަފަތިން ޖެހިގެން ދެ ފަތުރުވެރިއެއް އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އަދި އެ ދެ މީހުން ގެނައި އިރު ވެސް އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވީ ޗައިނާގެ 27 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއާ އެކު ފީނަން އުޅުނީ އޭނާގެ އަނބިމީހާއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރު ވިދާޅުވި ގޮތުގައި، 24 އަހަރުގެ އެ އަންހެން މީހާގެ މޫނުމަތީގެ ބައެއް ތަންތަން ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އިތުރު ފަރުވާއަށް އަންހެން މީހާ އެއާ ޓެކްސީގައި މިހާރު މާލެ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
