އީޓީގެ ނޫސްވެރިޔަކު ރަށު އޮފީހަށް ގެންގޮސް، ކައުންސެލަރު ސުވާލު ކުރައްވައިފި

އޭދަފުށި ޓައިމްސްގެ ފުރަތަމަ އަދަދުގެ ބޭރުގަނޑު

ނޫސްވެރިންގެ އެސޯސިއޭޝަނުގެ އިސް ބޭފުޅަކު ވިދާޅުވަނީ ނޫސްވެރިޔަކު ރަށު އޮފީހަށް ހާޒިރުކުރެވިގެން ނުވާނެ ކަމަށް

އޭދަފުށީ ޓައިމްސް (އީޓީ) ގެ އެސިސްޓެންޓް އެޑިޓަރ ތޯރިގު އަބްދުއްރަހުމާން މިއަދު ރަށު އޮފީހަށް ގެންގޮސް، ކައުންސިލަރު މުހަންމަދު ހަބީބު އޭނާއާ ސުވާލުތަކެއް ކުރައްވައިފި އެވެ.
ހިޔާލުފާޅުކުރުމުގެ ވަރަށް ފުޅާދާއިރާއެއްގެ މިނިވަންކަން ގާނޫނު އަސާސީން ލިބިފައިވަނިކޮށް ތޯރިގު މިއަދު މެންދުރެއްހާ އިރު ރަށު އޮފީހަށް ހާޒިރުކޮށްފައި ވަނީ ރަށު އޮފީހުން މީހަކު ފޮނުވައިގެން، ކޮން ބޭނުމެއްގައިކަން ވެސް އެންގުމެއް ނެތި އެވެ.
ރަށު އޮފީހަށް ގެންގޮސް ކައުންސެލަރު ވިދާޅުވި ކަމަށް ތޯރިގު ބުނީ، އޭނާ ހާޒިރު ކުރެވުނީ އޮފީހުން ބަލަމުން ގެންދާ މައްސަލައަކަށް ބަޔާނެއް ހޯދުމަށް ކަމަށެވެ. އަދި އެއީ މޭ 15 ވަނަ ދުވަހު ބ. އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ބެހެއްޓި ކެންޓީނާ ބެހޭ މައްސަލައެއް ކަމަށާއި އެ ހަބަރު އީޓީގައި ޖެހިއިރު، އެއީ ޕީޓީއޭ އިން ހިންގި ކެންޓީނެއް ކަމަށް ލިޔެފައި އޮތުމުން ކަމަށެވެ. އަދި ކައުންސެލަރު ވިދާޅުވި ކަމަށް ތޯރިގު ބުނީ، “ގަވައިދާ ހިލާފު ކަންތައް ކުރުމަށް ހިތްވަރުދޭ ލިޔުންތަކެއް ހުރިކަމަ”ށެވެ.
“ދެން ބުނީ، އެއީ ޕީޓީއޭގެ ކެންޓީނެއް ކަމުގެ ބަޔާނެއް ގެނެސްދޭށޭ. އެ ހަބަރު އީޓީގައި ޖެހިއިރު ހަމައެކަނި އޮންނާނީ ޕީޓީއޭގެ ކެންޓީނަށް 5000 އަށް ވުރެ ގިނަ ފައިސާ ލިބުނު ކަމަށް. އޭގެ މައުލޫމާތު ދިނީ ޕީޓީއޭގެ ނައިބް ރައީސް،” ތޯރިގު ބުންޏެވެ. “އެއީ ޕީޓީއޭގެ ކެންޓީނެއް. އެތަނުގެ އިޝްތިހާރުތައް ވެސް ކުރީ ޕީޓީއޭ އިން. އަޅުގަނޑު ބުނީ ނޫހުގައި ލިޔެފައިވާ އެއްވެސް އެއްޗަކާ ބެހޭގޮތުން އަޅުގަނޑަށް ޖަވާބު ދެވެން ނޯންނާނެ ކަމަށް. އޭގެ ޒިންމާ ނަގާނީ ނޫހުގެ އެޑިޓަރު ކަމަށް. އަދި ބަޔާނެއް ނުދެވޭނެ ކަމަށް އަޅުގަނޑު ބުނިން. އެހެންވެ، ބަޔާނެއް ނުދެން.”
ސަރުކާރު މުވައްޒަފަކަށް ވެ ހުރެ ތޯރިގު ލިޔާ ގިނަ ލިޔުންތައް ހުންނަނީ ސަރުކާރު ބަދުނާމުކޮށް ސަރުކާރަށް ހަޖޫ ޖަހާ ގޮތަށް ކަމަށް ކައުންސެލަރު ވިދާޅުވި ކަމަށް ތޯރިގު ބުންޏެވެ. އެގޮތުން މިއަތޮޅުން ގަސް ކެނޑި ވާހަކަ އަށް އިޝާރާތް ކުރައްވައި، ގަސްކެނޑުމަކީ ހުއްދަ ކަމެއްކަމަށް ކައުންސެލަރު ވިދާޅުވި ކަމަށް ވެސް ތޯރިގު ބުންޏެވެ.
“އަޅުގަނޑު ބުނިން އަޅުގަނޑު ލިޔެފައެއް އޮންނާނީ ވެސް ހުއްދަ ލިބިގެންނޭ ގަސްކަނޑަނީ. އަދި މިވެނި ވަރަކަށް ގަސް ކެނޑި ވާހަކައޭ،” ތޯރިގު ބުންޏެވެ.
އަދި ނޫހުގައި ޖަހާ ކޮމެންޓްތަކުގެ ސަބަބުން ފިތުނ ފަސާދަ އުފެދޭ ކަމަށާއި، ތޯރިގު ލިޔެފައި ހުންނަ ލިޔުންތަކަށް އައިސް ހުންނަ ކޮމެންޓްތަކާ ބެހޭ ގޮތުން ތޯރިގާ ސުވާލު ކުރެވޭނެ ކަމަށް ވިދާޅުވެ، އޭގެ މައްސަލަ ވެސް ޖެއްސިދާނެ ކަމަށް ކައުންސެލަރު ވިދާޅުވި ކަމަށް ތޯރިގު ބުންޏެވެ.
“މީހަކު ބުންޏޭ ކިޔައިފައި ނުވަތަ މީޑިޔާގެ އެހެން ނޫސްތަކަށް ހަވާލާދީފައި ނުލިޔެވޭނެ ކަމަށް ވިދާޅުވި. (މި ވާހަކަ އިޝާރާތް ކުރެއްވި ކަމަށް ބެލެވެނީ ބަހިއްޔާގެ މައްސަލަ އަށް. އީޓީގައި ހުރި ބައެއް ވާހަކަތަކަކީ މާލޭގައި ނެރޭ ނޫސްތަކަށް ހަވާލާދީގެން ލިޔެފައިވާ ލިޔުމެއް). އަދި ތޯރިގޭ ކިޔައިފައި އެއްވެސް ވާހަކައެއް ކައުންސެލަރު ދައްކަވައިފައި ނޯންނާނެ ކަމަށް. އެހެންވެ ކީއްވެތޯ އެކަހަލަ ވާހަކަ ލިޔަނީ. އަދި މީގެ ފަހުން އެކަހަލަ ގޮތަށް ލިޔާކަމަށް ވަންޏާ އޭނާ އަށް މައްސަލަ ޖެއްސޭނެ ކަމަށް،” ‘ހަވީރު’ ނޫހުގެ ބ. އަތޮޅުގެ ކަރަސްޕޮންޑެންޓް ތޯރިގު ބުންޏެވެ.
ގާނޫނު އަސާސީގެ 27، 28، 29 މި ތިން މާއްދާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާއެއްގައި އެބައޮތެވެ.
ނޫސްވެރިއަކު ލިޔެފައިވާ ލިޔުމަކާ ބެހޭ ގޮތުން ރަށު އޮފީހަށް ސުވާލުކޮށް ތަހުގީގު ކުރެވިދާނެތޯ ދެންނެވުމުން ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވީ އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުރުމުގެ އެއްވެސް ހައްގެއް އަދި ހައިސިއްޔަތެއް ރަށު އޮފީހަކަށް ވެސް، އަތޮޅު އޮފީހަކަށް ވެސް އަދި އެއްވެސް ކައުންސެލަރަކަށް ވެސް ލިބިގެން ނުވާ ކަމަށެވެ.
“ތިޔަކަން ތިހެން ހިނގައިފިއްޔާ ތިއީ ވަރަށް ހެއްވާ ކަމެއް،” އޭނާ ވިދާޅުވި އެވެ.
ދާދިފަހުން ރާއްޖޭގައި އުފެދުނު ނޫސްވެރިންގެ ޖަމިއްޔާގެ އިސް ބޭފުޅަކު ވެސް ވިދާޅުވީ، ނޫސްވެރިޔަކު ރަށު އޮފީހަށް ގެންގޮސް ސުވާލު ކުރެވި ތަހުގީގު ކުރެވިގެން ނުވާނެ ކަމަށެވެ.
ނޫހެއްގައި ޝާއިއު ކޮށްފައިވާ ލިޔުމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ، އެ އިދާރާއަކަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ލިބިދެނީ ދެ ގޮތެކެވެ. އެއް ގޮތަކީ، އެ ލިޔުމަކާ މެދު ހިތްހަމަ ނުޖެހޭ ކަމެއް ވާ ނަމަ، އެކަން އާއްމު ކޮށް ހާމަ ކުރުމެވެ. އިތުރަށް އޮޅުން ފިލުވައިދޭން ބޭނުން ވާ ކަމެއް ވާ ނަމަ، ނުވަތަ އެ އިދާރާގެ ހިޔާލެއް ވާ ނަމަ، އެކަން ވެސް އާއްމުކޮށް ހާމަކޮށް، ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމެވެ. އަނެއް ގޮތަކީ އެ ލިޔުމަކީ ސަރުކާރަށް ފާޑު ކިޔައި، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބަދަލުގައި އަބުރާ ބެހިފައިވާ ލިޔުމެއް ކަމަށް ފެންނަނީ ނަމަ، ގާނޫނީ އޮނިގަނޑުގެ ތެރެއިން ކޯޓެއްގައި އެ ކަމާ ދެކޮޅަށް ދައުވާ ކުރުމެވެ. މީގެ ތެރޭގައި ރަށު އޮފީސްތަކަށް ގެންގޮސް ބަޔާން ނަގައި ތަހުގީގު ކުރުމެއް ނޯވެ އެވެ.
“މި ނޫން ގޮތަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކަށް މިހާރު އަމަލެއް ނުކުރެވޭނެ. އެއްވެސް އިދާރާއަކުން އަމިއްލަ ގޮތެއް ހަދައި، ނޫސްވެރިން ހާޒިރު ކުރުވައި ބަޔާން ދިނުމަށް އެދުމަކީ ނޫސްވެރިންނަށް ބިރުދައްކައި، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ބެލެވިދާނެ،” މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ މެންބަރަކު އޭނާގެ އަމިއްލަ ހައިސިއްޔަތުން މިއަދު ވިދާޅުވި އެވެ.
ތޯރިގު ރަށު އޮފީހަށް ގެންގޮސް އޭނާގެ ބަޔާނެއް ހޯދަން ރަށު އޮފީހުން ނުވަތަ ކައުންސެލަރު ކުރެއްވި މަސައްކަތް މި ނޫހުން ކުށްވެރިކުރަމެވެ. އަދި އެއީ ބިރުދެއްކުމެއް ކަމަށް ވެސް މި ނޫހުގެ އެޑިޓޯރިއަލް ބޯޑުން ދެކެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.