ގްރީން ސްޓްރީޓްސް އަތުން ވެސް ފެހެންދޫ ބަލިވެއްޖެ

ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާއި ބ. ފެހެންދޫ ވާދަކުރި މެޗުގެ ތެރެއިން:– ފޮޓޯ/އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ބ. ފެހެންދޫ 2-0 އިން ގްރީން ސްޓްރީޓްސް އަތުން ބަލިވެއްޖެ އެވެ. މިއަދުގެ މެޗަކީ ލީގުގައި ފެހެންދޫ ކުޅުނު ތިންވަނަ މެޗެވެ. ފެހެންދޫ ގެ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން ޕޮއިންޓެއް ހޯދާފައިވާ އިރު ދެވަނަ މެޗުން ޓީސީއަތުން 3-0 އިންވަނީ ބަލިވެފަ އެވެ.

މިއަދުގެ މޮޅާއެކު ގްރީން ސްޓްރީޓްސް އިން ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. ގްރީން ސްޓްރީޓްސް އެއް ވަނަ އަށް އެރީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލީގުގައި ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ގްރީން ސްޓްރީޓްސް އަށް އެއް ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ފުރުސަތު ލިބުނީ ފެހެންދޫގެ ހުސެއިން އީމާން އަށެވެ. ގޯލު ކުރިމަތިން އޭނާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ފެހެންދޫ އިން ވަނީ މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު އަނިޔާއެއްގެ ސަބަބަން އީމާންގެ ބަދަލުގައި އަހުމަދު ނިޒާމް (ނިޒާމްބެ) ކުޅެން އަރުވައިފަ އެވެ. ކުރިން މާޒިޔާ އާއި ޓީސީ އަދި ގްރީން ސްޓްރީޓްސް އަށް ކުޅުނު ނިޒާމްބެ ވަނީ ފެހެންދޫ އިން ކުޅުނު ފުރަތަމަ ދެ މެޗުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ފެހެންދޫ އިން ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކުރި އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ފެހެންދޫގެ އިބްރާހިމް މާޖިދު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސް އަށް ކުޅޭ އުޒްބެކިސްތާން ކީޕަރު ސާގޭ ސްމޮރޮޑިން ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން މުހައްމަދު ރީހާން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާއި ބ. ފެހެންދޫ ވާދަކުރި މެޗުގެ ތެރެއިން:– ފޮޓޯ/އިމޭޖަސް.އެމްވީ

ފެހެންދޫ އިން މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރަމުން ދަނިކޮށް މެޗުގެ 75 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު ސްމޮރޮޑިން އޭރިއާބޭރުން ބޯޅައިގައި އަތްލުމުން ރެފްރީ އޭނާ އަށް ދެއްކީ ރީނދޫ ކާޑެވެ. އެ ނިންމުމާ މެދު ފެހެންދޫ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

މެޗުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސް އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މުހައްމަދު ނައްޒާމަށް ލިބުނު ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެ ބޯޅަ އެ އަށް ވުރެން ރަނގަޅަށް ފޮނުވާލަން ފުރުސަތު ލިބުނެވެ.

ފެހެންދޫގެ ކޯޗު އިސްމާއިލް އަނިލް ނެތުމުން މި މެޗުގައި ވެސް ޓީމަށް އިރުޝާދުދިނީ މެނޭޖަރު މޫސާ ނަސީމް އެވެ. އޭނާ ބުނީ މި މެޗުގައި އެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި ފެހެންދޫ އަކީ ޕްރެކްޓިސްތަކެއް ނުކޮށް ސީދާ މެޗަށް އަންނަ ޓީމެއް ކަމަށާއި އެ ފަދަ ޓީމަކާ ދެކޮޅަށް ގަވާއިދުން ޕްރެކްޓިސްކުރާ ޓީމަކުން ކުޅުނީ ދަށް ކުޅުމެއް ކަމަށެވެ. އަދި މެޗުގެ ކުރީކޮޅުގައި ލިބުނު ފުރުސަތުތަކުގެ ބޭނުންހިފިނަމަ މިއީ ފެހެންދޫ އަށް ތިން ޕޮއިންޓް ލިބޭނެ މެޗެއް ކަމަށް އޭނާ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު މާދަމާ އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ވާދަކުރާ އިރު، މާދަމާ ރޭ އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.