
އެމްޑީޕީއިން ވެރިކަމާއި ހަވާލުވާތާ ފުރަތަމަ 100 ދުވަސްތެރޭގައި ކެންދޫ ބަނދަރާއި ނަރުދަމާ އަޅައިދޭނަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ކެންދޫއަށް ވަޑައިގެން ނަޝީދު ވިދާޅުވީ ކެންދޫގައި ރަނގަޅު ފެންވަރެއްގެ ފެރީ ޓާމިނަލްއެއް ގާއިމްކޮށް އެއް ރަށުން އަނެއް ރަށަށް ފަސޭހަ ކަމާއިއެކު ދެވޭނެ މަގު ކެންދޫއާއި މުޅި ބ. އަތޮޅުގެ ރައްޔިތުންނަށް ފަހިކޮށްދެއްވާނަން ކަމަށެވެ.
އަދި ކެންދޫގެ މަސައްކަތްތެރިން ހައްދާ ތަކެތި ހަމައަގުގައި ސަރުކާރުން ގަންނާނެ ކަމަށާއި ކެންދޫގައި ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް މަދުވެގެން ދިހަ ގެސްޓްހައުސް އަޅުއްވައިދެއްވާނެ ކަމަށް ވެސް ނަޝީދު މިއަދު ވައުދުވެ ވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ކެންދޫގެ ކޮންމެ ފިހާރައެއްގެ ވިކުރާއަށް މަދުވެގެން 25,000 ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ކެންދޫގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި އާންމު ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ވެސް ބަހައްޓަައިދޭނެ ކަމަށެވެ.