ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާން ގޮސްހުރި މީހެއްގެ މައުލޫމާތު ޗެކުރަނީ– ފައިލް ފޮޓޯ

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި، އެ މީހަކު ރަށްވެހިފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އެ ކަމަށްޓަކައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އީސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ރިޔާސީ އިންތިހާބުގައި އެމީހަކު ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 11 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

އީސީން ބުނި ބުނިގޮތުގައި އެކަމަށް އެދި ހުށަހަޅަން ޖެހޭނީ “ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު” އިން ކަމަށާއި އެ ފޯމު އިންތިހާބީ މަރުކަޒު (ބާ ޖަމާލުއްދީން) އިންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގެ އެއް ވަނަ ފަންގިފިލާއިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އީސީން ބުންޏެވެ.

އީސީން ބުނީ، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ބާ ޖަމާލުއްދީނުންނާއި ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގެ އެއްވަނަ ފަންގިފިލާއިން ކަމަށެވެ.

އީސީން ބުނި ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:30 އިން ހަވީރު 3:00 އަށް އަދި ބަންދު ދުވަސްތަކުގައި ހެނދުނު 9.30 އިން މެންދުރު ފަހު 3:00 އަށް ވަނީ ހުޅުވާލާފަ އެވެ.
އީސީން އިތުރަށް ބުނީ، ކުރީގެ އިންތިހާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަލުން ރަޖިސްޓާވާން ޖެހޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.