ދުނިޔޭގެ ގަދަ 10 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ހިމެނިއްޖެ

ޓްރެވެލް އެންޑް ޓުއަރިޒަމުން ދުނިޔެއިން ފަސް ވަނަ ހޯދި އިޔާން އަށް އިނާމު ހަވާލުކޮށްދެއްވަނީ.–ފޮޓޯ:ސަން އޮންލައިން

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންގައި ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ވަނައިގެ ތެރޭގައި ހިމެނެނު ދަރިވަރުންގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ހިމެނިއްޖެ އެވެ.

ޓްރެވެލް އެންޑް ޓުއަރިޒަމް މާއްދާއިން ދުނިޔޭން 5 ވަނަ ހޯދައި، ދުނިޔޭގެ ގަދަ 10 ގައި ހިމެނި އެ ސްކޫލު މިފަހަރު ފަހުވެރިކޮށްދިނީ ބ. ކަމަދޫ މަލަސް، މުހައްމަދު އިޔާން އެވެ. މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލް ނިންމި އިޔާން ވަނީ ރާއްޖޭގެ ގަދަ 10 ގެ ފަސް ވަނައިގައި ވެސް ހިމެނިފަ އެވެ.

ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާއިން ދުނިޔެއިން ފަސް ވަނަ ލިބޭނެ ކަމަކަށް އިޔާން އުއްމީދެއް ނުކުރެ އެވެ. ނަމަވެސް އަށް މާއްދާއިން އޭ ހޯދައިގެން އިޔާން ވަނީ އާއިލާ އާއި އޭނާ ކިޔެވި ސްކޫލަށް އުފާވެރިކަން ގެނެސްދީފަ އެވެ.

“ހިޔެއް ނުކުރަން ބްރިލިއަންސް އެވޯޑެއް ލިބޭނެ ކަމަކަށް، އެވޯޑު ހޯދާކަށް މަސައްކަތެއް ނުކުރަން. އެކަމަކު ގަދަ 10 އަށް އުއްމީދު ކުރިން. ވަރަށް ހިތްހަމަޖެހިއްޖެ އާއިލާ އާއި ސްކޫލް ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުނީތީ. ހެއްދެވި ފަރާތަށާއި އާއިލާއަށް، ސްކޫލަށް ޝުކުރު ހައްގު،” ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު އޭލެވެލްއަށް ކިޔަވަމުން އަންނަ އިޔާން ބުންޏެވެ.

އިޔާންގެ އާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ދަރިވަރަކު ވަނީ ރާއްޖޭ ގަދަ 10 ގައި ހިމެނިފަ އެވެ. އެއީ ފަސް ވަނައިގައި އޭދަފުށީ ސަބްދެލިގޭ ފާތުމަތު ޔުމްނާ އާތިފް އާއި ހަތް ވަނައިގައި ސ. ހިތަދޫ، މެޓްރޯވިލާ އައިޝަތު ރަފާހާ ރަޝީދު އާއި އަށް ވަނައިގައި އޭދަފުށީ ޖީޒާ ފާތުމަތު ޔުމްނު ޔޫސުފް ޒިޔާދު އާއި 9 ވަނައިގައި ސައިމާގޭ، ހިނާ ހަމްދީ އާއި ވައިޖެހޭގޭ މަރިޔަމް ނަޖާ އަބްދުﷲ ވަނީ ހިމެނިފަ އެވެ.

އޯލެވެލް ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން- ފޮޓޯ/ އީޓީ

އޯ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ގަދަ 10 ހޮވާ އުސޫލު މަތިކުރި ކަމުގައި ވިއަސް ދަރިވަރުން ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ.

މިދިޔަ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގަދަ 10 ގައި ހިމެނުނީ 375 ދަރިވަރެކެވެ. ދުނިޔޭގެ ގަދަ 10ގައި މިދިޔަ އަހަރު ހިމެނުނީ 35 ދަރިވަރަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.