ބީއެމްއެލްއަށް 239 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް

ބީއެލްއެލް

ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ ކުއާޓަރުގައި 239 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 600 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރޭގައި އިންޓަރެސްޓާއި އެފަދަ އެހެން އާމްދަނީން 388.7 މިލިއަން ރުފިޔާ އަދި ފީ އާއި ކޮމިޝަން އިންކަމްގެ ގޮތުގައި 190.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ބޭންކަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއް ލިބިފައިވާއިރު، ބޭންކުން ޓެކްނޮލޮޖީ އަދި މުޖްތަމައަށް ކުރާ އިންވެސްޓްމަންޓް ޕްރޮގްރާމް ބޮޑުވެފައިވާތީ މިއަހަރުގެ ފައިދާއަށް އަސަރު ކުރާނެކަމަށް އަންދާޒާ ކުރެވުނު ކަމަށް އެ ބޭންކުން ބުނެއެވެ. ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން ފުރަތަމަ ހަ މަސްދުވަހުގެ ނަތީޖާ ވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ކާމިޔާބުކަމާއެކީ ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“ބޭންކުގެ ފަންޑިން ކޮސްޓާއި އިންވެސްޓްމަންޓް އިތުރުވުމުން ފައިދާއަށް ހީނަރުކަމެއް އަންނާނެކަމަށް ލަފާކުރެވުނު ނަމަވެސް އެއާ ހިލާފަށް އަހަރުން އަހަރަށް މާލީ ނަތީޖާ ރަނގަޅުވަމުންދާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.” އެންޑްރޫ ވިދާޅުވިއެވެ.

އެންޑްރޫ ވިދާޅުވި ގޮތުގައި އެ ނަތީޖާ ހޯދުނީ ބީއެމްއެލްގެ ޕްރޮޑަކްޓްތަކާޢި ހިދުމަތްތަކަށް ކަސްޓަމަރުންގެ ޑިމާންޑް އޮތްވަރު އިތުރުވުމާއި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވުމުންނެވެ. އެންޑްރޫވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ބީއެމްއެލް އިން ދޫކުރި ލޯނާއި ފީ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު ހިންގުމުގެ ފައިދާ ވަނީ ހަތް އިންސައްތަ އިތުރުވެފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަނޑާ އެއްގޮތަށް އުފެއްދުންތެރި ނޫން ލޯނުގެ އަދަދުވަނީ 46 މިލިއަން ރުފިޔާ ދަށްކޮށްފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފަ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވެސް ބީއެމްއެލް އިން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އަދި ހަމައެހެންމެ މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ޚިދުމަތްތައް ފުޅާކުރުމަށްވެސް ވަނީ މުހިންމު އިންވެސްޓްމަންޓްތައްކޮށްފައެވެ. މި އިންވެސްޓްމަންޓްތަކުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ބޭންކުގެ ކަސްޓަމަރުންނަށް ބޭންކިން ޚިދުމަތް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ދާދި ފަހުން ވަނީ އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ތައާރަފުކޮށްފައެވެ. އެ ހިދުމަތަކީ މޮބައިލް ފޯނު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ޚިދުމަތެކެވެ. މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަދަނީ ޖަމިއްޔާތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 34 ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.