ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު، ހެލްތް ސާވިސް ގެ މަގާމަށް އޭދަފުށި ވިލާޑިރޯޒް މުހައްމަދު ފާތިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރިޔާސީ އިންތިޚާބު، ކުޑަދުވަސް ކޮޅަކަށް ވެފައި ވަނިކޮށް ބ. އަތޮޅު ހޮސްޕިޓަލުގެ އެންމެ އިސް މަގާމަށް ހަމަޖެއްސިއިރު، އޭނާ ވަނީ މީގެ ކުރިން ސޮނެވާފުށި ރިސޯޓުގެ އެޑްމިންގެ އެކި މަގާމުތަކުގައި 17 އަހަރު ހޭދަކުރައްވާފައެވެ.
ފާތިހު ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގެ ވަޒީފާއާ އެކު މިއީ ރައްޔިތުންނަށް ޚިދުމަތް ކުރަން ލިބުނު ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި ހޮސްޕިޓަލުގެ މެނޭޖްމަންޓާ ގުޅިގެން ރައްޔިތުން ބޭނުން ވާ ގޮތަށް އެތަން ތަރައްގީކުރެއްވުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވި އެވެ.
ފާތިހަކީ މިފަހަކަށް އައިސް އޭދަފުށީ ޕީޕީއެމް ގޮފީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އަދި ސޯސަލް މީޑިޔާގައި އިދިކޮޅު ޕާޓީތަކަށް ފާޑުކިޔަމުން އަންނަ ފަރާތެއްވެސްމެއެވެ.