ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންއަކަށް ރަހްމާ

ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި އެއްވަނަ ހޯދި ރަހުމާއަށް އިނާމް ހަވާލުކޮށްދެއްވަނީ. ފޮޓޯ: ދިރާގު

ކޮފީ ތައްޔާރުކުރުމުގެ ހުނަރު ދައްކާލުމަށް ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ، ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕްގެ މި އަހަރުގެ މުބާރާތުން ވެސް އެއް ވަނަ ރަހްމާ މަހްމޫދުއަށް ލިބިއްޖެ އެވެ.

ކޮފީ ލެބް ރޯސްޓާސްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މި މުބާރާތް، ހާއްސަ ހަރަކާތްތަކަކާއެކު އިއްޔެ ކުރިއަށް ގެންދިޔައީ ރަސްރަނި ބަގީޗާގެ ހިތްގައިމު މާހައުލުގަ އެވެ. މިއީ ރާއްޖޭގައި މި މުބާރާތް ބޭއްވި ދެ ވަނަ އަހަރެވެ.

މުބާރާތުން އެއް ވަނަ ލިބުމާއެކު ރަހްމާއަށް ވަނީ ޓްރޮޕީއާއެކު އޮސްޓްރޭލިއާގެ ސިޑްނީގައި ބާއްވާ، ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ރާއްޖެ ތަމްސީލުކުރުމަށް ފުރުސަތު ލިބިފަ އެވެ. ސިޑްނީ ދަތުރުގެ ހުރިހާ ހަރަދެއް ކޮށްދެނީ ރާއްޖޭގެ މި މުބާރާތުގެ މައި ސްޕޮންސަރު، ދިރާގުންނެވެ.

ދިރާގުން މި މުބާރާތުގައި ބައިވެރިވުމުގެ މައިގަނޑު އެއް ސަބަބަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ކުޑައިގެ ދަށުގައި ހިމެނޭ ޒުވާނުން ބާރުވެރިކޮށް، ފުރުސަތުތައް ތަނަވަސްކޮށްދޭން މަސައްކަތްކުރުމެވެ.

ރަހްމާ މި މުބާރާތުން އެއް ވަނަ ހޯދީ ސެމީ ފައިނަލްގައި އިތުރު ދެ ބައިވެރިންނާއި ވާދަކޮށްގެންނެވެ. އެ ބައިވެރިންނަކީ، މުބާރާތުން ދެ ވަނަ ހޯދި ހައްވާ ޝަހާ އަދި ތިން ވަނަ ހޯދި އަބްދުލް މުމީތު އެވެ.

މި އިވެންޓުގައި މިއުޒިކީ ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ނިޝް އާއި މޫޝަން އަދި ޑީޖޭބީ އާއި މަންދީރާ ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ ހަރަކާތްތަކެއް ފެނިގެންދިޔަ އެވެ. މީގެ އިތުރުން ކޮފީ ބޭނުންކޮށްގެން ކުރެހުމުގެ، ލައިވް އާޓް ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.