ދީބާޖާ އިން ބ. އަތޮޅުގައި ދެމުން އަންނަ ފެރީގެ ހިދުމަތް ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
މިކަމާ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ރާއްޖޭގެ ރަށްތައް ދަތުރު ފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން ބ އަތޮޅުގެ ދަތުރު ފަތުރު ނިޒާމުހިންގަން ހަވާލު ކޮށްފައިވަނީ ދީބާޖާއިން ދެ ފެރީދޯނި ބޭނުން ކޮށްގެން މިއަތޮޅުގެ އުތުރާއި ދެކުނަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ޝެޑިއުލް ދަތުރުތައް ދިޔަައީ ކުރަމުންނެވެ. ވުމާއިއެކު ފެރީގެ މި ޚިދުމަތް ވެގެން ގޮސްފައިވަނީ ހުރިހާ ރައްޔިތުން ވެސް ބަލައިގަތް ވަރަށް ކާމިޔާބު ހިދުމަތަކަށެވެ.
މިއަތޮޅުގައި ދަތުރު ފަތުރުގެ ހިދުމަތް ފެށިފަހުން މިހާތަނަށް ތިންލައްކައަށް ވުރެ ގިނަމީހުން މިނިޒާމުގެ ބޭނުން ހިފާފައި ވާކަމަށް ހިސާބުތަކުން ދައްކައެވެ. ވުމާއިއެކު މި ނިޒާމަކީ އިގްތިސާދީ ގޮތުންވެސް ވަރަށް ކާމިޔާބު ނިޒާމަކަށް ވަނީ ވެފައެވެ.
ނަމަވެސް ހިތާމައަކީ މިހާރު މިވަނީ ބ އަތޮޅުގެ ދަތުރު ފަތުރުގެ ނިޒާމު ހުއްޓިފައެވެ. ފެރީތަކުގެ ވެރިންނާއި ގުޅާލުމުން އެބޭފުޅުން ދެންނެވީ މިހާތަނަށް ފެރީގެ ކުއްޔަށް ލިބެންވާ އެތައް ބައިވަރު ފައިސާ ނުލިބި ވާކަމަށެވެ.
މިކަމާ ބެހޭގޮތުން ދީބާޖާއާ ގުޅަންކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
ދަތުރު ފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސްފައި ވާތީވެ ބ އަތޮޅު ކައުންސިލްގެ ރައީސް އަބޫބަކުރު ކަލޭފާނު ވިދާޅުވީ މިއީ ވަރަށް ހިތާމަ ކުރަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަމާއި ބޭހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތް ތަކާއި ދީބާޖާއާއިވެސް އެތައްފަހަރަކު ވާހަކަ ދައްކައިގެން ވެސް އެކަމަށް އެއްވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ.
“އަޅުގަންޑުމެން ތިކަމާ ވަރަށް މަސައްކަތް ކޮށްފިން، ސަރުކާރުގައިވެސް އެތައްފަހަރަކު ދަންނަވައިފިން. އެއްވެސް އިޖާބައެއް ނުދެއްވި، ދީބާޖާ ކުންފުންޏާވެސް ވަރަށް ގިނަފަހަރު ވާހަކަ ދެކެވިއްޖެ. ސަރުކާރުން ބުނަނީ ދީބާޖާއާއި ސަރުކާރާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް، ދީބާޖާއިން ބުނަނީ ސާރުކާރާއި ދީބާޖާއާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް، މިހާރު އަޅުގަނޑުމެން ހަދާނެގޮތް ހުސްވެއްޖެ، ރައްޔިތުން ގެޝަކުވާ ތަކަކަށް އެއްވެސް ހައްލެއް ލިބޭ ގޮތެއް އަދިނުވާ،” ބ އަތޮޅު ކައުންސިލްގެ ރައީސް ކަލޭފާނު ވިދާޅުވިއެވެ.
ފެރީގެ ދަތުރުތައް ހުއްޓިފައިވާތީވެ ބޭސްފަރުވާ އަށާއި އެހެނިހެން މުހިންމު ބޭނުން ތަކަށް ބޮޑު ހަރަދު ކޮށްފައި އަންނަން ޖެހުމުން ގިނަ ރައްޔިތުން ތަކެއްދަނީ އެކަމާ ކަންބޮޑުވުންވެސް ފާޅު ކުރަމުންނެވެ.