ބީއެމްއެލްއިން ކުޑަކުދިންނަށް ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބޭންކުން މައުލޫމާތުދޭގޮތުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ތައާރަފް ކުރި ފުރަތަމަ ބޭންކް އެކައުންޓްކަމަށްވާ ބީއެމްއެލް ކިޑްސް ސޭވަރ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެކައުންޓް ހުޅުވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި މާސްޓަރކާޑު ގެ ޕްރިޕެއިޑް ކާޑަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަމަށާއި މިކާޑަކީ ބޭނުން އަދަދެއް އެކާޑަށް ޖަމާކުރެވޭނެ ކާޑެއް ކަމުގައި ބޭންކުން ބުނެއެވެ. އަދި މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިޑްސް ސޭވަރ އެކައުންޓް ނިސްބަތްވާ ކުއްޖާގެ ނަމުގައި ކަމަށާއި މި ޕްރޮމޯޝަންގެ މުއްދަތުގައި އުމުރުން އަށާރަ އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓާއެކު މި ކާޑު ލިބިގެންދާނެ ކަމުގައި ބޭންކުން ބުނެއެވެ.

“މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 15،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު 3 ފަރާތަކަށް 5،000 ރުފިޔާވެސް ލިބިގެން ދާނެއެވެ.” ބޭންކުން މައުލޫމާތުދެއެވެ.

ބޭންކުން ބުނީ ކިޑްސް ސޭވަރ އެކައުންޓް އޮޕަރޭޓްކުރެވޭނީ އެ ކުއްޖެއްގެ މަންމަ ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށް ކަމަށެވެ. މި އެކައުންޓް ދިވެހި ރުފިޔާ އާއި ޑޮލަރުންވެސް ހުޅުވޭއިރު އެކައުންޓްގައި ބަހައްޓަންޖެހޭ އެންމެ ދަށް އަދަދަކީ 100 ރުފިޔާ އަދި 10 ޑޮލަރެވެ. ކިޑްސް ސޭވަރ އެކައުންޓް އޮޕްރޭޓްކުރާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. މި ގޮތަށް ޖަމާކުރާއިރު އެއްވެސް ޗާޖެއް ނުނަގާނެއެވެ. އަދި މީގެ އިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓް ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ފަރުމާކުރެވިފައިވަނީ ދިގުމުއްދަތެއްގައި ކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރާ ފައިސާ އެ ކުދިންނަށް އުމުރުން 18 އަހަރުވުމުން އެ ފައިސާގެ ބޭނުން ހިފޭ ގޮތަށެވެ. މި ގޮތުން މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތަޢުލީމް ހޯދުމަށް ބީއެމްއެލް އިން ދޫކުރާ ކިޔަވާލޯނުގެ އިކުއިޓީ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. ބޭސްފަރުވާ އަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދެއްކުރުމަށްޓަކައި މި އެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަތު ބެލެނިވެރިޔާ އަށް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އަށް ގުޅާލުމުން އެޕޮއިންޓްމަންޓް ހަމަޖެހިގެންދާނެކަމުގައި ބޭންކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.