ސެންޓޭ ނިއު ރޭޑިއަންޓަށް 100 ގޯލް ޖަހައިދީފި

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ނިއު ރޭޑިއަންޓަށް އަލީ ފާސިރު (ސެންޓޭ) ސަތޭކަ ގޯލު ޖަހައިދީފިއެވެ. ސެންޓޭ ނިއުގެ ޖާޒީގައި 100 ވަނަ ގޯލުޖެހީ އިއްޔެ ދިވެހި ޕްރިމިއަރ ލީގުގައި ބ. ފެހެންދޫ ކޮޅަށެވެ. އެމެޗުގައި ސެންޓޭ ހެޓްރިކެއް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު ސެންޓޭ ޖެހި ދެވަނަ ލަނޑަކީ ނިއުގެ ޖާޒީގައި ޖެހި 100 ވަނަ ލަނޑެވެ.

ސެންޓޭ އެމެޗުގައި ހެދި ހެޓްރިކާއި އެކު ނިއުއަށް މިހާތަނަށް އޭނާ ވަނީ 101 ގޯލު ޖަހައިދީފައެވެ. ނިއުގެ ކާމިޔާބީގައި ބޮޑު ހިއްސާއެއް ވެފައިވާ ބ. އޭދަފުށްޓަށް އުފަން ސެންޓޭ އަކީ މިދިޔަ ދެ އަހަރުވެސް ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓުވެސް ހާސިލްކޮށްފައިވާ ކުޅުންތެރިޔާއެވެ. 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެގެން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު އެ ސީޒަނުގައި ކްލަބާއި ގައުމީ ޓީމަށް ސެންޓޭ ވަނީ 34 ގޯލު ޖަހައިދީފައެވެ. މިދިޔަ އަހަރު ނިއު ރޭޑިއަންޓުގައި ހުރެގެން މޮޅު ކުޅުންތެރިޔާގެ މަގާމް ސެންޓޭ ހޯދިއިރު ރަންބޫޓު ހޯދީ މިދިޔަ ސީޒަނުގައި 24 ގޯލު ޖަހައިގެންނެވެ.

މިދިޔަ އަހަރު ނިއުއަށް ބަދަލުވުމުގެ ކުރިން ދެފަހަރެއްގެ މަތީން ސެންޓޭ ވަނީ ނިއުއަށް ކުޅެފައެވެ. 2009 ވަނަ އަހަރު އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އިން ވިދާލި ސެންޓޭ އެންމެ ފުރަތަމަ ނިއުގެ ނޫ ޖާޒީ ލީ 2011 ވަނަ އަހަރުއެވެ. އެ އަހަރު ސެންޓޭ ވަނީ ނިއުއަށް 18 ގޯލު ޖަހައިދީފައެވެ. އެއަށްފަހު 2012 ވަނަ އަހަރު ސެންޓޭ ފެނުނީ ވިކްޓްރީގެ ޖާޒީގައެވެ. ނަމަވެސް އަނިޔާގެ ސަބަބުން އެ ސީޒަނުގައި ސެންޓޭއަށް އަސްލު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. 2013 އިން 2015 އަށް ސެންޓޭ އަނެއްކާވެސް ފެނުނީ ނިއު ރޭޑިއަންޓުންނެވެ. އެ މުއްދަތުގައި ސެންޓޭ ވަނީ އެޓީމަށް ކުޅެދިން 79 މެޗުގައި 43 ގޯލު ޖަހާފައެވެ. ނިއުގައި ކާމިޔާބު ތިން ސީޒަން ހޭދަކުރުމަށްފަހު 2016 ވަނަ އަހަރު ސެންޓޭ ބަދަލުވީ ޓީސީ އަށެވެ. ޓީސީގައި އެއް އަހަރު ހުރުމަށްފަހު މިދިޔަ އަހަރުން ފެށިގެން ސެންޓޭ އަނެއްކާވެސް ކުޅެމުންދަނީ ނިއު ރޭޑިއަންޓަށެވެ. މިދިޔަ އަހަރު ސެންޓޭ ނިއުއަށް 21 ގޯލު ޖަހައިދިން އިރު މި ސިޒަނުގައި މިހާތަނަށް އޭނާ ވަނީ ނިއުއަށް 19 ގޯލު ޖަހައިދީފައެވެ.

ކްލަބް ލެވެލްގައި ސެންޓޭ ވަނީ ނިއުގައި ހުރެގެން ގިނަ ތަށިތަކެއްވެސް ހޯދާފައެވެ. މިގޮތުން 2013، 2014، 2015 އަދި މިދިޔަ އަހަރުވެސް ނިއުއާއެކު ސެންޓޭ ވަނީ ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. މެދުކެނޑުމަކަށްފަހު ފެށި މާލޭ ލީގުވެސް ސެންޓޭ ވަނީ މިދިޔަ ސެ ސީޒަނުގައި ނިއުއާއެކު ހޯދާފައެވެ. ލީގުގެ އިތުރުން އެފްއޭކަޕް ފުޓްބޯޅަ މުބާރާތް 2013 އަދި 2017 ވަނަ އަހަރު ނިއުއިން ކާމިޔާބު ކުރިއިރުވެސް ސެންޓޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ލީގާއި އެފްއޭ ކަޕްގެ އިތުރުން ޕްރެސިޑެންޓްސް ކަޕް ސެންޓޭ ވަނީ 2013، 2014 އަދި 2017 ވަނަ އަހަރު ނިއުގައި ހުރެގެން ކާމިޔާބު ކޮށްފައެވެ.

ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާނ ސެންޓޭ ވަނީ ކުޅުނު 48 މެޗުގައި ގައުމީ ޓީމަށް މިހާތަނަށް 12 ގޯލު ޖަހައިދީފައެވެ. ސެންޓޭގެ އެންމެ ފާހަގަ ކޮށްލެވޭ ގޯލަކީ މިފަހަރުގެ ސާފް ސުޒުކީ ކަޕް ފައިނަލުގައި ރާއްޖޭން ތަށި ހޯދިއިރު އިންޑިއާ ކޮޅަށް ވައްދާލި ލަނޑެވެ.

ސެންޓޭގެ 101 ގޯލް
2011: 24 މެޗުން 18 ގޯލު
2013: 32 މެޗުން 14 ގޯލު
2014: 26 މެޗުން 23 ގޯލު
2015: 21 މެޗުން 6 ގޯލު
2017: 32 މެޗުން 21 ގޯލު
2018: 26 މެޗުން މިހާތަނަށް 19 ގޯލު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.