މަތީ ފެންވަރުގެ 70 ވިލާއާއެކު މިރިއަންދޫ ހުކުރު ދުވަހު ހުޅުވަނީ

ބ. މިރިއަންދޫގައި ހަދާ ވެސްޓިން މޯލްޑިވްސްގެ ބައެއް ވޯޓަ ވިލާ: އެ ރިސޯޓަކީ ރާއްޖޭގައި ހުޅުވާ އެންމެ ހިތްގައިމު އެއް ރިސޯޓު. ފޮޓޯ: ވެސްޓިން މޯލްޑިވްސް

އެންމެ މަތީ ފެންވަރުގެ 70 ވިލާއާއެކު ބ. މިރިޔަންދޫގައި ގާއިމުކޮށްފައިވާ ވެސްޓިން ރިސޯޓު އަންނަ ހުކުރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަކީ ސްރީލަންކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް، އޭޝިއާ ކެޕިޓަލް ޕަބްލިކް ލިމިޓެޑާއި ޖަޕާނުގެ މެއިލް އޯޑާ ކުންފުނި ބެލޫނާ ކޮމްޕެނީ ލިމިޓެޑު ހިއްސާވެގެން ތަރައްގީކުރި ރިސޯޓެކެވެ.

ބ. މިރިއަންދޫގައި ހަދާ ވެސްޓިން މޯލްޑިވްސްގެ ވިލާއެއް: އެ ރިސޯޓަކީ ރާއްޖޭގައި ހުޅުވާ އެންމެ ހިތްގައިމު އެއް ރިސޯޓު. ފޮޓޯ: ވެސްޓިން މޯލްޑިވްސް

މި ރިސޯޓު ހުޅުވާ އިރު 70 ވިލާ އާއި 29 ވޯޓާ ވިލާ އާއި 40 ސުއިޓް ހިމެނެ އެވެ. އެ ވިލާތަކުގެ އިންޓީރިއާ ތައްޔާރުކޮށްފައިވަނީ ރާއްޖެ އާއި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ހޯދި ލަކުޑި ބޭނުންކޮށްގެންނެވެ.

ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު (693.9 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހެދި މި ރިސޯޓުގެ ވިލާތަކަކީ ވަރަށް ހިތްގައިމު ޑިޒައިނަކަށް ގުދުރަތީ ވައި ލިބޭ ގޮތަށް، ހަދާފައިވާ ތަންތަނެވެ. މި ރިސޯޓު ފަރުމާކޮށްފައިވަނީ އިޓަލީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕީއީއައިއޭ އެސޯސިއޭޓީން އިންނެވެ.

ބ. މިރިއަންދޫގައި ހަދާ ވެސްޓިން މޯލްޑިވްސްގެ ރިސޯޓް: އެ ރިސޯޓަކީ ރާއްޖޭގައި ހުޅުވާ އެންމެ ހިތްގައިމު އެއް ރިސޯޓު. ފޮޓޯ: ވެސްޓިން މޯލްޑިވްސް

މީގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް މަތީ ފަންތީގެ ތިން ރެސްޓޯރެންޓެއްވެސް ހިމެނެ އެވެ. މި ރެސްޓޯރެންޓްތަކުން ދިވެހި ކެއުމުގެ އިތުރުން އިންޑިއާ އާއި ޗައިނާ އަދި ޖަޕާނުގެ އިތުރުން އޭޝިއާގެ އެހެން ގައުމުތަކުގެ ކެއުންތައް ލިބެން ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

މިރިޔަންދޫ ރިސޯޓު ހުޅުވަން ތައްޔާރުވެފައިވާ އިރު، މިފަހަކަށް އައިސް ގިނަ ރިސޯޓްތަކެއް މިއަތޮޅުގައި ވަނީ ހުޅުވައިފަ އެވެ. މިރިއަންދޫ ވެގެންދާނީ މިއަތޮޅުގައި ހުޅުވާ 16 ވަނަ ރިސޯޓަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.